އެއްބައިވަންތަކަން ފުރިހަމައަށް އިއާދަކުރެވެންދެން އަސްކަރީ ފިޔަވަޅުތައް އަޅާނެ: ޗައިނާ

ޗައިނާގެ ޤައުމީ އެއްބައިވަންތަކަށް އިއާދަ ކުރެވެންދެން ޗައިނާގެ އަސްކަރިއްޔާއިން ކައުންޓަރ ފިޔަވަޅުތައް އަޅާނެ ކަމަށް ޓައިވާނުގެ ވަށައިގެން ކުރިއަށްގެންދާ ތަމްރީނުތަކާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޗައިނާގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓައިވާނަކީ އަބަދުވސް ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނުގެ ބައެއް ކަމަށާއި ޗައިނާގެ އަސްކަރިއްޔާއިން އެގައުމުގެ އެއްބައިވަންތަކަން ފުރިހަމައަށް އިއާދަކުރެވެންދެން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ އަސްކަރިއްޔާ، ނޭވަލް، ވައިގެ އަދި ރޮކެޓް ފޯސަސް ގުޅިގެން ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ޓައިވާނުގެ މިނިވަންކަން ވަކިކުރާ ސިފައިންގެ ބޮޑާކަން ކަނޑުވާލައި، ބޭރުގެ ބާރުތަކުގެ ނުފޫޒާއި ނޭއްގާނީކަން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއާން ވިދާޅުވިއެވެ.
“ޓައިވާނުގެ މައްސަލަ ހައްލުކުރާނީ ކިހިނެއްތޯ، ޗައިނާގެ 1.4 ބިލިއަން ރައްޔިތުން އެބަތިބި، ޗައިނާގެ އަސްކަރިއްޔާއިން އަމަލީ ފިޔަވަޅުތަކާއެކު ގައުމީ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަން ހިމާޔަތް ކުރާނެ” ވޫ ވިދާޅުވިއެވެ.
“ޖޮއިންޓް ސްވޯޑް-2024އޭ” ގެ ނަމުގައި ޕީއެލްއޭ އިން ބުރާސްފަތި ދުވަހުން ފެށިގެން އަސްކަރީ ތަމްރީނުތަކެއް ފަށާފައިވާއިރު، މި ހަފުތާގެ ކުރީކޮޅު ވިލިއަމް ލައި ޗެންގް-ޓޭ ރައީސްކަމުގެ ހުވާ ކުރެއްވުމާ އެކު، އާ ސަރުކާރަކަށް ބަދަލުވި ޓައިޕޭއިން ވަނީ އެފަދަ ކަންކަން ހުއްޓާލުމަށް ގޮވާލައިފައެވެ.
ބުރާސްފަތި ދުވަހު ލައި ވަނީ ޓައިވާނުގެ އަސްކަރީ މަރުކަޒަކަށް ޒިޔާރަތްކުރައްވާފައެވެ.
ޓައިވާނުގެ ދިފާއުގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި ނަމަވެސް ޗައިނާގެ ކިބައިން މިނިވަންކަން ހޯދަން އެދޭ މީހުންނަށް ބެއިޖިން އިން އިންޒާރު ދީފައި ވަނީ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވެއްޓޭތަން ދެކޭނެ ކަމަށެވެ.
ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވޫ ވިދާޅުވި ގޮތުގައި “ޓައިވާން އިންޑިޕެންޑެންސް” ވަކިވެގަތުމުގެ ބާރުތަކުން ހިތްވަރު ދޭ ކޮންމެ ފަހަރަކު، ގައުމުގެ ފުރިހަމަ އެއްބައިވަންތަކަން ހަގީގަތަކަށް ވަންދެން، ޕީއެލްއޭ އިން ކައުންޓާ ފިޔަވަޅުތައް އަޅާނެއެވެ.
އޭނާ ވިދާޅުވީ ޓައިވާނުގެ ވަށައިގެން ކުރިއަށް ގެންދާ ޖޮއިންޓް ޑްރިލްތަކަކީ “ޖޮއިންޓް އޮޕަރޭޝަންތަކުގައި ސިފައިންގެ ހަނގުރާމައިގެ ގާބިލްކަން ޓެސްޓް ކުރުމަށް” ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށާއި އެތަމްރީނު ތަކަކީ “މުޅިން ހައްގު، ސައްހަ އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް” ކަމަށެވެ.


