އާބަންސެންޓަރެއްގައި ޤާއިމުވާންޖެހޭ ހުރިހާ ވަސީލަތްތަކެއް އޭދަފުށީގައި ޤާއިމުކުރާނަން: ރައީސް

އާބަންސެންޓަރެއްގައި ޤާއިމުވާންޖެހޭ ހުރިހާ ވަސީލަތްތަކެއް އޭދަފުށީގައި ޤާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާބަންސެންޓަރެއްގައި ޤާއިމުވާންޖެހޭ ހުރިހާ ވަސީލަތްތަކެއް އެ ރަށުގައި ޤާއިމުކުރާނެ ކަމަށެވެ. އެގޮތުން މާލެ ފިޔަވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 40،000 ހައުސިން ޔުނިޓު އެޅުމަށް އިއުލާނުކޮށްފައިވާ މަޝްރޫޢު ހިންގުމުގައި އެންމެ ބޮޑަށް އިސްކަންދީގެން ހައުސިން ޔުނިޓުތައް ޤާއިމުކުރާ އެެއް ރަށަކަށްވާނީ އެރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ރަށުގައި ޤާއިމުކުރާ ހައުސިން ޔުނިޓުތަކަކީ އެރަށުގައި ދިރިއުޅޭ މީހުންނަށް މިހާރު ބޭނުންވާ ގެދޮރުގެ އިތުރަށް ތަރައްޤީއާއި އާބާދީ އެއްފަސްކުރާއިރު އެރަށަށް އަލަށް ހިޖުރަކުރާ މީހުންނަށް ބޭނުންވާނެ ގެދޮރުވެސް ހިމެނޭ ގޮތަށް ހިންގާ މަޝްރޫޢަކަށްވާނެކަމަށާއި، އެ މަޝްރޫޢު ހިންގާނީ ބަޖެޓުގެ ތެރެއިންނާއި ކޮންޓްރެކްޓާ ފައިނޭންސް ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށްވެސް އޭދަފުށި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ޚިދުމަތްތައް އެރަށުގައި އެކަނޑެއެޅޭ ފެންވަރަށް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައީސް އެރަަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
އެރަށުގައި ބިން އިތުރުކުރާނެ ޖާގަނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކެމްޕެއިނުގައި އެރަށަށް މާއްޑޫ ދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެއްވެސް ވައުދަކުން ރެކިވަޑައިނުގަންނަވާނެކަމަށް ވިދާޅުވުމާއެކު ރައީސްވަނީ މާއްޑޫ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި އެކަމުގެ ލިޔެކިޔުންތައް މިހަފުތާގައި ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިރޭ އަޅުގަނޑު އިއުލާނުކުރަން އިރާދަކުރެއްވިއްޔާ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފިން. މިހަފުތާ ތެރޭގައި އެކަމުގެ ލިޔެކިޔުން ހަވާލުކުރާނަން،” ރައީސް ވިދާޅުވިއެވެ.
އަދި ކައުންސިލުން އެރަށުގައި އުމްރާނީ އަދި އިޤުތިޞާދީ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށް ރާވައިގެން ކުރިއަށްގެންދަންވީކަމަށާއި، އެރަށް ވެގެންދާނީ އޭދަފުށީގެ ރައްޔިތުންގެ މުސްތަޤުބަލަށް މުހިއްމު ރަށަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

