ޚަބަރު

މިއީ ރައްޔިތުންގެ ވަކީލުން، ރައްޔިތުންނާ ގާތުގައި ތިއްބަވަންވީ ވަގުތު – ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މިނުރައްކާތެރި ދަނޑިވަޅަކީ ރައްޔިތުންގެ ވަކީލުން ރައްޔިތުންނާ ގާތުގައި ތިއްބަވަންވީ ވަގުތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކޯވިޑް-19 ރާއްޖެއިން ފެނުމުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށް ވީހިނދު އަބަދުވެސް މަސައްކަތްކުރަންވާނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ. އެހެންކަމުން މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ކޯވިޑް -19 ގެ ހާލަތުގައިވެސް ހުރިހާ މެންބަރުން ރައްޔިތުންގެ ވާހަކަތައް އަޑުއަހާ ރައްޔިތުންގެ ޝަކުވާތަކަށް އިޖާބާދެންވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވެ މި ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. އެހެންކަމުން މި ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުންވެސް ފުރިހަމައަށް އެއްބާރުލުން ދޭއްވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

“ތިޔަ އިއްޒަތްތެރި މެންބަރުންނަކީ ރައްޔިތުންގެ އިއްޒަތްތެރި ވަކީލުން. ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ރައްޔިތުން ގުޅާ މެންބަރުންނަށް ވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތި އިއްޒަތްތެރި މެންބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭނެގޮތަށް. އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށް.” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އޮންލައިންކޮށް 71 މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވަނީ ކޯވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުށައަޅުއްވާފައިވާ މައްސަލައެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަފަހަރަށް ކުރިއަށް ގެންދިޔަ މި ޖަލްސާއާއިގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މިހާލަތުގައި ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަޖެހިފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި ބޭއްވެން ނެތްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close