އާދިއްތަ ދުވަހުގެ ވިއްސާރައިގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން ބަލަނީ

އާދިއްތަ ދުވަހު (އިއްޔެ) ރާއްޖޭގެ މޫސުން ގޯސްވެ ރެކޯރޑު މިންވަރަކަށް މާލެއަށް ވާރެވެހި ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ ގޭގެއަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމްއޭއިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމްއޭއިން މިފަދައިން ވިދާޅުވެފައިވަނީ މިކަމާއި ގުޅޭގޮތުން އެ ޢިދާރާގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މުހައްމަދު ފިކުރީ ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލެއިން ޖުމްލަ 164 ގެޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އެގޮތުން ގެއްލުންވި ގޭގެ ބަލައި ގެއްލުންތައް ވަޒަންކުރުމަށް އެސެސްމަންޓްތައް ހަދަމުންދާކަމަށެވެ. މި މަސައްކަތް ކުރަނީ އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ވެމްކޯއާއި އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް ގުޅިގެންކަމަށެވެ.
އިއްޔެ މާލެއަށް ކުރި މި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، ހާލުގައިޖެހުނު 11 ގޭބިސީއެއްގެ 46 މީހުން ގެސްޓް ހައުސްތަކަށް ބަދަލުކޮށް 3 ދުވަހުގެ މުއްތަކަށް އެމީހުންގެ ހުރުމާއި ކެއުންބުއިމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައި ދެމުން ގެންދާކަމަށް އެން.ޑީ.އެމްއޭއިން މަޢުލޫމާތު ދެއްވައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ކ. ގުރައިދޫ އާއި ލ. ގަމާއި ފޮނަދޫ އާއި، ފ. ނިލަންދޫގެ އިތުރުން އައްޑޫސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ބައެއްގޭގެއަށް ފެންވަދެ ގޭގޭގައި ހިފާ ގެންގުޅޭ ބައެއް އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމްއޭއިން މަޢުލޫމާތު ދެއްވިގޮތުގައި މިފަދަ ފަރާތްތަކަށްވެސް އެ ޢީދާރާގެ ފަރާތުން ގެންދަނީ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.

