
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ ޖުމުލަ ވޯޓުލީ 48 މެންބަރުންގެ ތެރެއިން 25 މީހުންގެ ވޯޓުންނެވެ. އޭނާއާ ދެން ވާދަ ކުރެއްވި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއަށް ލިބިވަޑަިއގެންފައިވަނީ 23 ވޯޓެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީން ނިންމީ އެ ޕާޓީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރެއިން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުން ބާއްވާފައިވަނީ މިއަދު ހަވީރު 4:00 ގައި ބޭއްވި ޕާޓީގެ މަޝްވަރާ މަޖިލީހުގައެވެ.
ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ، ކޯލިޝަންގައި އޮތް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެމަނިކުފާނުގެ ލަފާފުޅުގެ މަތިންނެވެ.
ޓިކެޓްގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަންޏެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ވ. އާރަށް މައްސަލައިގައި އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުން ހިމެނެއެވެ.
އެކަމަކު ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އީސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.


