ފަލަސްތީނުގައި އާބާދުކުރާ އިސްރާއީލްގެ ޓެރަރިސްޓުންގެ ހަމަލާތައް އިތުރުކުރަނީ
ހުޅަނގު އައްސޭރީގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލްގެ ޓެރެރިސްޓުން ދިން ހަމަލާތައް ޖެހިޖެހިގެން ތިން ދުވަހު ވެސް ކުރިއަށް ދާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ފަލަސްތީނުގެ މަސްދަރުތަކުން ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލު ސަރުކާރުން އަމަލުކުރާ ގޮތާ މެދު ފާޑުކިޔާފަ އެވެ.
ހުޅަނގު އައްސޭރީގެ އުތުރުގައި ފަލަސްތީނުގެ ހަތިޔާރު އެޅި ކަމަށް ޝައްކު ކުރެވޭ މީހަކު އިސްރާއީލުގެ ދެ މީހަކު މަރާލުމާ ގުޅިގެން ފަލަސްތީނުގެ އަވަށެއްގައި އިސްރާއީލު ވަޒަންވެރިން ހަމަނުޖެހުން ހިންގައި އެތައް ގެއަކާއި ކާރުތަކެއްގައި ވަނީ އަލިފާން ރޯކޮށްފައެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ޢާއްމުރައްޔިތަކު ވަނީ ޝަހީދުވެފަ އެވެ.
މިއަހަރު އިސްރާއީލު ސިފައިންނާއި އާންމުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 62 މީހަކު ޝަހީދުވެފައިވާއިރު، ފަލަސްތީނުގެ ހަމަލާތަކުގައި އިސްރާއީލުގެ 14 މީހަކު ވަނީ މަރުވެފައެވެ. 2023 ވަނަ އަހަރު ފެށުނީއްސުރެ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ކުރިމަތިލުންތައް ވަނީ ވަރުގަދަވެފަ އެވެ. ފަލަސްތީނުގެ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ވެރިޔާ ހުސައިން އަލް ޝެއިހް ވަނީ ފަލަސްތީނުގެ ކަންކަމާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު ހާދީ އަމްރުއާ ބައްދަލުކުރައްވައި ފަލަސްތީނުގައި ވަޒަންވެރިވާ އިސްރާއިލްގެ ރައްޔިތުންނާއި އަސްކަރީ ހަމަލާތަކުން ފަލަސްތީން ސަލާމަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު އަމްރު ވަނީ ހަވާރާއަށް ޒިޔާރަތްކުރައްވައި، އެރަށުގެ ރައްޔިތުންގެ ވާހަކަތައް އައްސަވައި، ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އާބާދުކުރަމުންދާ ވަޒަންވެރިން ހިންގަމުންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވައި ފައިވެއެވެ. އަލް ޝެއިޚް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމަކީ ފަލަސްތީނުގެ ލީޑާޝިޕާއި އެމެރިކާގެ ސަރުކާރާ ދެމެދު ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ.
ހަމަނުޖެހުންތައް ހިނގި ނަމަވެސް ހަވާރާ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް މީހަކު ހައްޔަރުކޮށް ދައުވާ ކުރާނެ ކަން އިއުލާނެއް ނުކުރެ އެވެ. ފަލަސްތީނުގެ އިސް އޮފިޝަލަކު ވިދާޅުވީ “ހަވާރާގައި ހިނގި ކަންކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، އެ ހަމަލާގެ ނުބައިކަމުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ހަރުކަށި ބަހުރުވައެއް ބޭނުންކުރަން އެމެރިކާއަށް މަޖުބޫރުވީ ކަމަށެވެ.
ފަލަސްތީނުގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ޣައްސާން ޚަތީބު ވިދާޅުވީ ބައިޑަންގެ ސަރުކާރުން އިސްރާއީލުގެ ސަރުކާރާ ގާތަށް ދަނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށާއި ބަހުގެ ފާޑުކިޔުމަކީ އިސްރާއީލުގެ އަމަލުތައް ބަދަލުކުރަން މަޖުބޫރު ކުރުވުމަށް ފުދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްތީނާ މެދު އިސްރާއީލުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ނިމުމަކަށް ގެނައުމަށް ޓަކައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ވެސް ޚަތީބު ވަނީ ގޮވާލައްވާފަ އެވެ.



