އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ރަސްމީކޮށް އަރުވައިފި
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަވާލުކޮށްފި އެވެ.
ޓިކެޓު ހަވާލުކޮށްފައިވަނީ އެކަމަށް ޓަކައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި އެވެ. އެމަނިކުފާނަށް ޓިކެޓު އެރުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.
ރޭގެ އެމްޑީޕީ ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު މުޅި ކާނިވާ ސަރަހައްދު އޮތީ ފުރާލާފައި އެވެ.
ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވައިގެންނެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސެންޓު ވޯޓު ލިބުނު އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓު ވޯޓެވެ.
ރޭ ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލު ކޮށްފައި މިވަނީ ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ރައީސް ސޯލިހަށް ޓީކެޓު އެރުވުން ހުއްޓުވައި ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.



