މިޔަންމާގެ އެތެރޭގެ ކަންކަމަށް ބޭރުގެ އެއްވެސް ފަރާތަކުން އަތްނުބާނާތި: ޗައިނާ

މިޔަންމާގެ އެތެރޭގެ ކަންކަމުގައި އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވުމަށާއި، އަތްނުބޭއްވުމަށެ ޗައިނާއިން އިންޒާރު ދީފިއެވެ.
ޗައިނާގެ އިސް ޑިޕްލޮމެޓް ވާން ޔީ މި އިންޒާރުދީފައިވަނީ ޗައިނާ، ތައިލެންޑް، މިޔަންމާ އަދި ލާއޯސްގެ އިސް ޑިޕްލޮމެޓުން ތައިލެންޑްގެ ސިޓީ ޗިއާންގ މާއީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވާން ޔީ ވިދާޅުވި ގޮތުގައި މިޔަންމާގެ މިހާރުގެ ހާލަތަކީ ކަންބޮޑުވުން އޮތް ކަމެކެވެ. އަދި އެ ގައުމުގައި އަމަލުކުރަންޖެހޭ ތިން މުހިންމު ކަމެއް ފާހަގަކުރެއްވިއެވެ. އެއީ މިޔަންމާގައި އަރައިރުން ނުހިނގުމާއި، އެ ގައުމު އާސިއާން އާއިލާއިން ވަކިނުވުމާއި، އަދި ބޭރުގެ ބާރުތަކުން އެ ގައުމުގެ ކަންކަމުގައި އަތްނުބޭއްވުމެވެ.
މިޔަންމާއާ އިންވެގެންވާ ގައުމުތަކާއި، އެހެން ގައުމުތަކަށްވުރެ މިޔަންމާގެ ޚާއްސަ އެތެރޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ މިޔަންމާއަށް ކަމަށް ވާން ޔީ ވިދާޅުވިއެވެ. އަދި މިޔަންމާގެ ތަރައްޤީ އަށާއި ހަމަޖެހުމަށް އެންމެބޮޑަށް މަސައްކަތްކުރަން ޖެހޭނީ އެ ގައުމުގެ އަވައްޓެރިންކަމަށްވެސް ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ ސިފައިން ވެރިކަން ވައްޓާލުމަށްފަހު، އެ ގައުމުގެ އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ ހާލަތު ވަނީ ދަށަށް ގޮސްފައެވެ.
އެތެރޭގައި ބޮޑު ދާޚިލީ ހަނގުރާމައެއް ފެށިފައިވާއިރު، މިހާތަނަށް 2،470 ވައިގެ ހަމަލާ ސަރުކާރު ސިފައިން އާޢްމުންނަށް އަމާޒުކޮށް ދީފައިވާއިރު 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 2.8 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
މިޔަންމާގެ މިހާރުގެ ހާލަތު ގޯސްވާން ދިމާވި އަސްލު ސަބަބަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިނގި ސިފައިންގެ ބަޣާވާތެވެ. އެ ބަޣާވާތުގައި އާންގ ސާން ސޫ ޗީގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި، ސިފައިން ވެރިކަމާ ހަވާލުވިއެވެ. މި ހާދިސާއާ ގުޅިގެން ގައުމުގެ އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ ހާލަތު ވަނީ ބޮޑުތަން ގޯސްވެފައެވެ.
ސިފައިންގެ ވެރިކަމާ ދެކޮޅަށް އާންމުން ނުކުތުމާ ގުޅިގެން، ސިފައިން ވަނީ އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ހަމަލާތައް ދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސިފައިންނާއި ހަތިޔާރު އެޅި އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގާ ހަނގުރާމަ އިތުރަށް ގަދަވެ، ގައުމުގެ ގިނަ ސަރަޙައްދުތަކަށް ފެތުރިފައިވެއެވެ.
މި ހާލަތުގެ ސަބަބުން މިލިއަނުން ގުނާލެވޭ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އަދި އިންސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަން އިތުރުވެފައެވެ.
