ޑރ.މުޢިއްޒު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި
ކުރީގެ ސަރުކާރުން ނޫމަޑިއާއެކު އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށްވި އެއްބަސްވުން އެއްވެސް ސަބަބެއްނެތި އުވާލުމާއި ގުޅިގެން ނޫމަޑިއަށް ސަރުކާރުން ދައްކަންޖެހުނު ގިނައަދަދެއްގެ ޑޮލަރުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންނަގައިފިއެވެ.
އެ އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.
ޑރ.މުޢިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިރޭ 20:15ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.މުޢިއްޒު ފުުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ކުންފުންޏާއެކު ވީ އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ފުލުހުން ކުރަމުންދާ ތަޙްޤީޤާއި ގުޅޭގޮތުންނެވެ.
އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.
ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ބަދަލުދޭން ޖެހުނީ އެނޫން އެއްވެސް ގޮތެއް ނެތުމުންކަމަށެވެ. މިމައްސަލައަކީ އާބިޓްރޭޝަންގައިވެސް އޮތް މައްސަލައަކަށްވުމުން މިމައްސަލަ ބައިނަލް އަޤްވާމީ ކޯޓްތަކުގައި ބަލާނަމަ މިއަށްވުރެ ބޮޑު ޢަދަދަކުން ފައިސާ ދައްކަންޖުހުމަކީވެސް އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފައިސާ ނުދައްކައިފިނަމަ ދައުލަތަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށްބަލައި މިފައިސާ ދިނުމަކީ މިކަމަށް އޮތް ހައްލުކަމަށެވެ.


