ޚަބަރު

ޤާނޫނުލް ޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާޙަށް މާލެ ސިޓީ ކައުންސިލުންވެސް ދެކޮޅު

ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް މާލެ ސިޓީ ކައުންސިލުންވެސް މިއަދު ބަޔާނެއް ނެރެފިއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ޤާނޫނޫލް ޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރު ކުރެވި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ 1 އަދި 2 ގައި އޮތް ގޮތުން އެއްވެސް ޖެހިލުމެއްނެތި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ކީރިތި ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ބަދު ބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށް އެކަމާއި ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ކީރިތި ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރުން އެއީ ޤާނޫނު ހުއްދަކުރާކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވޭ ކަމަށެވެ.

އެހެންކަމުން އެފަދަ އިޞްލާހެއް ގެނައުމަކީ ދިވެހިޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި ތަޢާރަޒު ވާ ޤާނޫނޫ އަސާސީ އާއި ޚިލާފު އިޞްލާޙެއްކަމުގައި ދެކޭތީއާއި އެ އިސްލާޙުގެ ސަބަބުން ދިވެހިންގެ ދީން ކަމުގައިވާ މާތް ވެގެންވާ އިސްލާމް ދީނާއި، ﷲ ސުބުޙާނަހޫ ވަތަޢާލާއާއި، ކީރިތި ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ޤާނޫނަކުން ހުއްދަކުރެވޭ ކަމަށް ބެލެވޭތީ އާއި އަދި އެކަމާ ދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ކުށެއްކަމުގައި ކަނޑައެޅުމުގެ އިސްލާޙަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅުކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އެ އިޞްލާޙު ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީ ތަމްސީލް ކުރައްވާ ޢިއްޒަތްތެރި މެންބަރުންނަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެންމެހާ މެންބަރުންނަށް މާލެ ސިޓީ ކައުންސިލުން ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި މާލޭ ސިޓީގެ 18 ކައުންސިލަރުންގެ ތެރެއިން 5 ކައުންސިލަރަކު ސޮއި ނުކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close