“އަންވެއިލިންގ ވިޝަންސް 2021″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ “އަންވެއިލިންގ ވިޝަންސް 2021″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައިސުލްޖުމްހޫރިއްޔާ ވަނީ މި މަޢުރަޒަށް މިއަދު ވަޑައިގެން އެތަނުގައި ހުރި ކުރެހުންތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ‘މޯސްޓް ވައިބްރަންޓް އާޓިސްޓްސް” އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ.
މި ޙަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ ‘ވަރޗުއަލް ގެލެރީ’ އިފްތިތާޙްކޮށްދެއްވާފައެވެ.
މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން “އަންވެއިލިންގ ވިޝަންސް 2021″ އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.
މި ޙަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.
