ލަންދޫގައި 400 ކިލޯވޯޓްގެ އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށް ކަރަންޓްދޭން ފަށައިފި
އަތޮޅުތެރޭގެ ރަށްތަކުގައި ފެނަކައިން ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނ.ލަންދޫގައި 400 ކިލޯވޯޓްގެ އައު ޖަނަރޭޓަރސެޓެއް އިންސްޓޯލްކޮށް ކަރަންޓްދޭން މިއަދު ފަށައިފިއެވެ.
ފެނަކަ ލަންދޫ ބްރާންޗްގައި ބެހެއްޓި 400 ކިލޯ ވޯޓުގެ އައު ޖަނަރޭޓަރ އިންސްޓޯލް ކޮށް މިއަދު ޢާޢްމުކޮށް ކަރަންޓް ދޭން ފަށާފައިވާއިރު، މި ޖަނަރޭޓަރ ސެޓް އިފްތިތާހް ކޮއްދެއްވީ ފެނަކަ ލަންދޫ ބްރާންޗްގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ނ.ލަންދޫ އެންދެރިމާ ގެ ޔޫސުފް އާދަމް(ޔޫބެ) އެވެ.
ޔޫބެ އަކީ ލަންދޫގައި ކަރަންޓް ޚިދުމަތް އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން އައި ދުވަސްވަރުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެންވެސް ލަންދޫ އިންޖީނުގޭގައި ގިނަދުވަސްތަކެއް ވަންދެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހީވާގި ކަމާއި، މުރާލިކަމާއެކު ދެމިހުންނެވި އިޚްލާޞްތެރި ރައްޔިތުންގެ ޚިދުމަތްތެރި އިސް ރަށްވެއްސެކެވެ.

ފެނަކަ ލަންދޫ ބްރާންޗުން ބުނީ އަލަށް އިތުރުކުރެވިގެން މިދިޔަ ޖަނަރޭޓަރާއެކު ލަންދޫ ފެނަކަ ބްރާންޗްގެ ކެޕޭސިޓީ 1050 އަށް އިތުރުވެގެން ދާނެކަމަށާއި، އެހެންކަމުން ކުރިއަށް އޮތް 10 އަހަރަށް ކަރަންޓް ދޫކުރުމުގައި އެއްވެސް ދައްޗެއް ނެތި ހިދުމަތް ދެވިގެން ދާނެކަމަށެވެ.
މިއީ ވަކި ބޮޑު ރަށެއް ކުޑަ ރަށެއް ތަފާތު ކުރުމެއް ނެތި އަދުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ފޯރުކޮށްދެއްވާ އަސާސީ ޚިދުމަތްތަކުގެ ލާމަސީލް ނަމޫނާއެއް ކަމުގައެވެ. އެކަމަށްޓަކައި އަދުގެ ސަރުކާރަށް ޚާއްޞަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ފެނަކަ ލަންދޫ ބްރާންޗުގެ މުވައްޒަފުންނާއި، ލަންދޫ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާ ކުރެއެވެ.

ނ.ލަންދޫއަކީ އާބާދީގައި ހާހަކަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ކަރަންޓްގެ ޚިދުމަތްބޭނުން ކުރުމުގައި އަތޮޅުގެ ނިސްބަތުން 5 ވަނައަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ރަށެވެ.

