ސާފް ޗެމްޕިއަންޝިޕް ބާއްވަން ރަސްމީކޮށް ރާއްޖޭން ބިޑްކޮށްފި
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ރަސްމީކޮށް މިއަދު ބިޑްކޮށްފި އެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް ބޭއްވޭނެ ގޮތެއްނުވުމުން މި މަހު 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލި އެވެ. ނަމަވެސް އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.
މި މަހުގެ ނިޔަލަށް ރަސްމީކޮށް ބިޑްކުރުމުގެ މުއްދަތު ހަމަވާއިރު، ރާއްޖޭން މިއަދު ވަނީ ބިޑްކޮށްފަ އެވެ. ރާއްޖޭން އެންމެ ފުރަތަމަ މުބާރާތް ހޯސްޓްކުރަން ވިސްނީ ސްރީލަންކާއާ ގުޅިގެން ނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލައި ރާއްޖެ އެކަނި ހިމެނޭގޮތަށް ބިޑްކުރީ އެވެ. ރާއްޖޭން މީގެ ކުރިން ސާފް ހޯސްޓްކުރި ހަމައެކަނި ފަހަރު މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެންނެވެ. އެއީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖޭން ވަނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާފް ބޭއްވުމަށް ރަސްމީކޮށް ބިޑްކޮށްފައިވާ ކަމަށާއި ބައިނަލްއަގުވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން ކުރެވޭ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލުން ފާހަަގަކުރައްވާ ކަމަށެވެ.
އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކުގެ ބިޑް ކާމިޔާބުކުރިއިރު، ބިޑްކުރީ ހަމައެކަނި ރާއްޖޭންނެވެ. އެ ފަހަރު ފަހު ވަގުތު އޭއެފްސީން މުޅި މުބާރާތް ކެންސަލްކުރީ އެވެ. މި އަހަރު މެއި މަހު މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ބާއްވަން ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
އެ ފަހަރު މެޗުތައް ނުބޭއްވުނީ މުބާރާތަށް އައި ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާ ހިލާފުވެ، މުބާރާތް އެ ވަގުތު ނުބޭއްވޭނެކަން ރާއްޖޭން އެންގުމުންނެވެ. އެ މެޗުތައް އަލުން އަންނަ މަހު މެޗުތައް ހޯސްޓްކުރަން ބިޑަށް ހުޅުވާލުމުން ރާއްޖޭން ބިޑް ކާމިޔާބުކުރީ ބަންގްލަދޭޝްއާ ވާދަކޮށެވެ. ރާއްޖެ އަށް އަލުން ބިޑް ކާމިޔާބުކުރެވުނީ ކުރިން ދިމާވި ގޮތަށް ފަހު ވަގުތު މުބާރާތް ނުބޭއްވޭނެ ގޮތަށް ކަންތައްތައް ނުކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ފަހު އެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.


