ޚަބަރު

މުޙައްމަދު ޙަލީމް (އެމް،އެޗް) ކެމްޕެއިން ޖަގަހައެއް ނ.މާފަރުގައި ހުޅުވައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖްލީހުގެ މަނަދޫދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ، ކެންޑިޑޭޓް ނަމްބަރ 2 އަލްއުސްތާޛު މުޙައްމަދު ޙަލީމް ( އެމް،އެޗް ) ގެ ކެމްޕެއިން ޖަގަހައެއް ނ.މާފަރުގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ޖަގަހަ ހުޅުއްވައިދެއްވީ މުޙައްމަދު ޙަލީމް އާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.

އެމް،އެޗް ކެމްޕެއިން ޓީމުންބުނީ ރޭ މާފަރުގައި ހުޅުވި ޖަގަހައަކީ އެމްއެޗްގެ ކެމްޕެއިން ރަސްމީކޮށް މާފަރުގައި ފެށުމަށްޓަކައި ހުޅުވިޖަހައެއް ކަމަށެވެ.

ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ މާފަރުގައިވަނީ ވަރަށް ޚާއްޞަ ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި އެމް އެޗް އާއި، އެމްއެޗްގެ އަނބިކަނބަލުންގެ އިތުރުން މާފަރު ކައުންސިލްގެ ރައީސާއި، މާފަރު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާއާއި، މާފަރުގެ ކަމުވޮށިވެގެންވާ އިސްރައްވެހިންގެ ތެރެއިން ގިނަޢަދަދެއްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި މާފަރުން ބައިވެރިވި މީހުންގެ އިތުރުން އެ އަތޮޅު ލަންދޫ އާއި، މަނަދޫންވެސް އެމްއެއްޗްއަށް ތާއީދުކުރާ ގިނަޢަދަދެއްގެ ސަޕޯޓަރުން އެ ޖަލްސާގައި ބައިވެރިވިއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓީމް އެމްއެޗް

އެމް،އެޗް ގެ ކެމްޕެއިން ރަސްމީކޮށް މާފަރުގައި ފެށުމަށްޓަކައި ރޭ 8:30 ގައި މާފަރުގައި ބޭއްވި މި ޖަލްސާގައި އެމްއެޗް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިޖްތިމާޢީ ގޮތުން ކުޅިވަރުގެ ދާއިރާއިން ނާއި، ތަޢުލީމީދާއިރާ އާއި، އަދި ސިއްހީ ދާއިރާއިން ވަރަށްގިނަ ކަންތައްތަކެއް މާފަރަށް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި މާފަރުގައި އިންޑޯ އަދި އައުޓްޑޯ ޖިމެއް ޤާއިމް ކޮށްދެއްވުމާއި، ހެލްތްސެންޓަރގެ ޢިމާރާތުގެ ޖާގަ އިތުރުކޮށްދެއްވުމާއި، އެތަނަށްބޭނުންވާ ބައެއް އިކްޕްމެންޓްސް ހޯއްދަވައިދެއްވުމާއި، މާފަރު ސްކޫލްގައި ވޯކްވޭއެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމަކީ އެމަނިކުފާނު ހޮވުނަސް ނުހޮވުނަސް ކޮށްދެއްވާނެ ވަޢުދުތަކެއް ކަމަށްވިދާޅުވެ އޭގެ ތެރެއިން ބައެއްކަންކަމަކީ މިހާރުވެސް މާފަރުގެ ރައްޔިތުންނަށްޓަކައި މާފަރުގައި ފެށިގެންކުރިއަށްދާ ކަންކަންކަމަށްވެސް އެމްއެޗްގެ ވާހަކަފުޅުގައި ރޭވިދާޅުވިއެވެ.

މަނަދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް،  ކެންޑިޑޭޓް ނަމްބަރ 2 އަލްއުސްތާޛު މުޙައްމަދު ޙަލީމް ( އެމް،އެޗް ) ރައްޔިތުންނަށް ތަޢާރަފްކޮށްދިނުމުގެ ގޮތުން ރޭ އެ ޖަލްސާގައި ވާހަކަފުޅުދެއްކެވި މާފަރު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އަޙްމަދު ބަދީޢު އެވެ. އޭނާގެ ވާހަކަފުޅުގައި ، އެމްއެޗް އަކީ ޤާނޫނީގޮތުން މާސްޓަރސް ރާއްޖޭން ބޭރުން ހައްދަވާފައިވާ އަދި އެދާއިރާއިން ގިނަގުނަ ތަޖްރީބާ އާއި، ތަމްރީން ހޯއްދަވާފައިވާ ފުންނާބު އުސް ބޭފުޅެއްކަމަށްވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ މައިގަނޑު މަސްޢޫލިއްޔަތަކީ ޤާނޫތައް ހެދުމާއި، ޤާނޫނުތަކަށް އިސްލާހް ގެނައުންކަމަށް ވިދާޅުވަމުން ބަދީޢު ރޭ ވިދާޅުވީ އެފަދަ މަސައްކަތްތަކެއް ކުރަންޖެހިވަޑައިގަންނަވާ މުއައްސަސާއަކަށް ރައްޔިތުން ހޮވަންވާނި އެފަދަ މަސައްކަތްތަކެއް ކުރެއްވޭނެ ފަދަ ޤާބިލް ކަމެއްހުރި ބަޔަކުކަމުގައެވެ. އެގޮތުން އެމްއެޗްއަކީ މަޖްލިހަށް ތަޞައްރަފް ފުދިފައިވާ ބޭފުޅެއްކަމަށާއި، އެހެންކަމުން ރައްޔިތުން މިފަހަރު އެމްއެއްޗްއަށް އެފުރުޞަދު ދެއްވުމަށް އޭނާ ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާ ނިންމާލީ ޖަލްސާއަށް ޙާޟިރުވި އެމްއެޗްގެ ސަޕޯޓަރުންގެ ޝަރަފްގައި އޮތް ރޭގަނޑުގެ ވަރަށް ޚާއްޞަ ފަރިއްކޮޅަކުންނެވެ. އެ ފަރިއްކޮޅުގައި ގިނަޢަދަދެއްގެ މީހުން ބައިވެރިވިއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close