ޚަބަރު

“ކޮވިޑް ވިލެޖް”ގައި ބައިތިއްބާނީ ހައިރިސްކް މީހުން – މަބްރޫކް

މި ފެސިލިޓީއަކީ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު 50 ދުވަސް ތެރޭގައި

ހުޅުމާލޭގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީ ގައި ފަރުވާދޭނީ ކޮވިޑްގެ ހައިރިސްކް މީހުންނަށް ކަމަށް އެންއީއޯސީގެ ތަރުޖަމާން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާދިނުމަށް ސަރުކާރުން ތައްޔާރުކުރި އެންމެ ބޮޑު ވަސީލަތެވެ.

އެންއީއޯސީގެ ތަރުޖަމާން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ ނިންމައި، އެތަންއައިޖީއެމްއެޗާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

“ސީދާ އެތަން ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި ނޭނގޭ. އެކަމަކު އެތަން އެ ހުރީ މިހާރު ބޭނުން ކުރަން ފަށަން ތައްޔާރުގައި. ދެން އެ ތަނަށް ގެންދާނީ އުމުރުން ދުވަސްވީ މީހުންނާއި އެކަހަލަ މީހުން. ދެން އެ މީހުން ހަމަ ރިސޯޓްތަކަށް ގެންދަން ބޭނުން ނުވާތީ. މިހާރު އެބަދޭ އެކަމުގެ އިތުރު ޕްލޭންތައް ވެސް ހެދެމުން.” މަބްރޫކް ވިދަޅުވިއެވެ.

ޖުމްލަ ފަސް އިމާރާތެއްގެ މައްޗަށް އެކުލެވިފައިވާ މި އިމާރާތަށް “ކޮވިޑް ވިލެޖް”ގެ ނަމުން ނަން ދީފައިވީ ނަމަވެސް އެތަނަށް އަދި ރަސްމީކޮށް ނަމެއް ދީފައެއް ނުވެއެވެ. އެ ވަސީލަތުގައި އެއް ފަހަރާ 300 މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

އަދި އެ ތަނުގައި ހިމެނޭ ފަސް އިމާރާތުގެ ތެރެއިން ހަތަރު ފަންގިފިލާ ހިމެނޭ ގޮތަށް ހަދާފައިވާ އިމާރާތުގައި 228 އެނދުގެ މެޑިކަލް ވޯޑްތައް ހިމަނާފައިވެއެވެ. ދެ ވަނަ އިމާރާތުގައި 72 މީހުންނަށް ވަކި ވަކިން ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު، އެ ހުރިހާ ވޯޑްތައް ވެސް ތައްޔާރުކޮށްފައި ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވާ ބަލި މީހުންނަށް ވެސް ފަރުވާ ދެވޭ ގޮތަށެވެ.

ކޮވިޑް ވިލެޖްގެ ތިން ވަނަ ފަންގިފިލާގައި ހެދީ ސިއްހީ އެހީތެރިން ތިބޭނެ ބައެކެވެ. ހަތަރު ވަނަ ފަންގިފިލާގައި ހުރީ އޮފީހަކާއި ލޯންޑަރީއެކެވެ. ފަސް ވަނަ ފަންގިފިލާއަކީ ހިނަވާ ގެއަކާއި ސިއްހީ އާލާތްތައް ނައްތާލުމަށް ބޭނުން ކުރާނެ އޮޓޯކްލެވާއެކެވެ.

ކުރިން ކޮންކްރީޓް މަސައްކަތް އެކަނި ނިމިފައިވާ މި އިމާރާތުގައި ކޮވިޑް ވިލެޖް ހެދުމަށް އެމްއެންޑީއެފްގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި ޕަބްލިކް ވޯކްސް ސާވިސް އާއި ފެނަކަ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުން މަސައްކަތް ކުރިއެވެ. އަދި މިކަމުގައި އެލިއާ ކޮންސްޓްރަކްޝަނާއި އަމީން ކޮންސްޓްރަކްޝަނާއި އާރުސީސީ އާއި ބެޗް ކޮންސްޓްރަކްޝަނާއި ލިއޯ ކޮންސްޓްރަކްޝަންގެ އެހީތެރިކަން ލިބިފައިވެއެވެ.

ފެސިލިޓީ އަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި މޮރިޝަސް ކޮމާޝަލް ބޭންކް، އެމްއޭސީއެލް، އެސްޓީއޯ، ކޯސްޓްލައިން، މާޒިޔާ ކޮންސްޓްރަކްޝަން، ރޯޓައިމް، ސީއެސްޕަޔާ، ވިލަމެންދޫ ރިސޯޓު، މީރު ފެންފުށި ރިސޯޓާއި ކައިމޫ ހޮޓެލްސް އަދި ސްޓެލްކޯ ވެސް އެހީތެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close