ޚަބަރު

ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވި ދެބޭފުޅުން ހަމަޖެއްސުމަށް ޖޭއެސްސީން ރުހުންދީ އެކަމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި 2 ނަންފުޅު ބަލައިގެނެ، ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއިމެދު ޖޭއެސްސީއަށް ހުށަހެޅުމާއި ގުޅިގެން ހުކުރު ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ދެ ނަން ބަލައިގަނެ، ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށެވެ. ޖޭއެސްސީއިން ބުނީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި އާދީއްތަ ދުވަހުގެ ހެނުދުނު 8 އިން މެންދުރު ފަހު 2 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close