ޚަބަރު

ރައީސް ނަޝީދުގެ ތުހުމަތު، ބޮން ގޮއްވާލީ އައިއެސްއާ ގުޅުން އޮތް ބައެއް

ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮންގޮއްވާލީ އިސްލާމީ ހަރުކަށީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް ބައެއް ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން ހިންގަވާފައި ދަނިކޮށް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވީ ކިރިޔާއެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެއްވުމަށް ފަހު ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ނަޝީދު، އިންޑިއާގެ “ވިއޯން” ނޫހަށް ވީޑިއޯ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންނަކީވެސް އިސްލާމީ ހަރުކަށި ފިކުރުުގެ ބައެއް ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން މީގެ ކުރިންވެސް މިފަދަ ހަމަލާތައް ރާވާފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރިމޯޓް ޑިވައިސްއެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ހަމަލާއެއް ދިނީ އެމަނިކުފާނަށް ކަމަށެވެ.

ހަމަލާގައި ޝާމިލްވާ މީހުންނަކީ އައިއެސްއާ ގުޅުމެއް އޮތް ކަމަށް ނަޝީދު ތިލަކުރެއްވި ވާހަކަތަކަކީ މީގެ ކުރިން އެއްވެސް އިދާރާއަކުން ހާމަކޮށްފައިވާ މައުލޫމާތުތަކެއް ނޫނެވެ. ފުލުހުން ހަމައެކަނި ވިދާޅުވެފައިވާ ގޮތުން އެ އެންމެންނަކީ ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހުންނެވެ. އެ މީހުން ގުޅެނީ ކޮން ޖަމާއަތަކަށްތޯ މީގެ ނޫސްވެރިން ސުވާލުކުރުމުން ވެސް ފުލުހުން އެކަށީގެންވާ ޖަވާބެއް ނުދެއެވެ.

މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) އިން ވަނީ ބޮންގޮއްވުމުގެ ހާދިސާއާ ގުޅިގެން އިންކުއަރީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ.

އެރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ރައީސް ނަޝީދަށް މޭއި ހަވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިހުމާލު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ފައިސާ ދީގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު މީހުން އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މާރިޔާއަށް ދެންނެވުމުން އެކަން ކަމާއި ބެހޭ އިދާރާތަކާއި އެކަމަނާ ހިއްސާ ނުކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.

މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.

އެނގިފައިވާ ގޮތުގައި، ހަމަލާއަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ނަޝީދުގެ ހަމަލާއާ ގުޅުން ހުރި ބައެއް މީހުން އެބަތިއްބެވެ. ހައިޝަމަކީ ވެސް އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close