ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި

ޤަތަރު ވޯލްޑްކަޕް 2022 ގައި ފްރާންސްއާއި ދެކޮޅަށް ފައިނަލްގައި ކުޅެ ޕެނެލްޓީ ޝޫޓްއައުޓުން މެޗް ކާމިޔާބުކޮށްގެން އާޖެންޓީނާ ފީފާ ވޯލްޑް ކަޕް 2022 ގެ ތަށި އުފުލާލައިފިއެވެ.

މިރޭ ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު އާޖެންޓީނާ ކާމިޔާބު 3-3 ގެ ނަތީޖާއިން އެއްވަރުވެ، ޕެނަލްޓީއިން 4-2 ގެ ނަތީޖާއިންނެވެ. މި ކާމިޔާބާއެކު، އާޖެންޓީނާގެ ތަރި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ، އޭނާގެ ފަހު ވޯލްޑް ކަޕް މި ނިންމާލީ އެންމެ މަތީ ޝަރަފާއެކުގައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި، ގިނައިރު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅުނީ އާޖެންޓީނާއެވެ. ޚާއްސަކޮށް، ހައި ޕްރެސިންގ ގޭމަކާއެކު، ފްރާންސަށް ކުޅުނަނުދީ ފަސޭހައިން ބޯޅަ ހޯދުމުގެ އިތުރުން، އާޖެންޓީނާއިން ދިޔައީ ފުލުފުލުގައި ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އާޖެންޓީނާއިން ލީޑު ނެގީ 23 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މެސީ ޖެހި ލަނޑުންނެވެ. މިއީ، ފްރާންސް އޭރިޔާގެ ކަނާތްފަރާތު އަރިމަތިން، ޑި މަރިޔާ ޑެމްބެލޭ ކައިރިން ނައްޓާލުމަށްފަހު އޭރިޔާގެ ތެރެއަށް ވަނުމުން، ޑެމްބެލޭ އޭނާއަށް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލަނޑަށްފަހު ވެސް، އާޖެންޓީނާއިން މޮޅަށް ކުޅުނުއިރު، އެ ޓީމުން ލީޑު ފުޅާކޮށްލީ 36 ވަނަ މިނިޓުގައި ޑި މަރިއާ ޖަހައިދިން ލަނޑުންނެވެ. އާޖެންޓީނާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި މެސީ މެކް އެލިސްޓާއަށް ދިން ބޯޅަ ހިފައިގެން މުޅިން ހުސްކޮށްހެން އަރާ، ޑި މަރިއާއަށް ޖައްސާލުމުން އޭނާ ބޯޅަ ގޯލަށް ފޮނުވާލީ އެއްބުރުންނެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް އެންމެ ޝޮޓެއް ވެސް ނުނެގުނުއިރު، އާޖެންޓީނާއިން ޖުމްލަ 6 ޝޮޓް ނެގިއެވެ. އޭގެ ތެރެއިން 3 ޝޮޓް ގޯލަށް އަމާޒުވިއެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް އާޖެންޓީނާއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. މިގޮތުން ޓެގްލިއާފިކޯ ދިން ބޯޅައަކުން އަލްވަރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލޮރިސް މަތަކުރިއިރު، ޑި މަރިޔާ ކުންޑޭ ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ، ތިން ޑިފެންޑަރުން ކައިރީގައި ތިބުމުން މެސީއަށް ރަނގަޅަށް ބޯލަ ފޮނުވާލެވޭގޮތެއް ނުވިއެވެ.

ފްރާންސުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާއަކީ އެމްބާޕޭގެ ޝޮޓެކެވެ. ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި އެ ބޯޅަ ދިޔައީ ގޯލު ދަނޑި މަތިންނެވެ. އޭގެ ފަހުން ފްރާންސްގެ ކުޅުން ރަނގަޅުވިއިރު، އެ ޓީމުން ފަރަގު ކުޑަކޮށްލީ އެމްބާޕޭ ޖެހި ޕެނަލްޓީއަކުންނެވެ. މިއީ ކޯލޯ މުއާނީއަށް އޮޓަމެންޑީ ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕެނަލްޓީއިން އެމްބާޕޭ ލަނޑު ޖެހިތާ، އެއް މިނިޓު ފަހުން އަނެއްކާ ވެސް އޭނާ ޖެހި ހިތްގައިމު ލަނޑުން ފްރާންސުން ނަތީޖާ ހަމަހަމަކޮށްލިއެވެ. މިއީ އޭރިޔާގެ ތެރެއިން ތުރާމް ޖައްސާލި ބޯޅައަކުން އެމްބާޕޭ ވެއްޓިގެންފައި ޖެހި މޮޅު ލަނޑެކެވެ. ފްރާންސުން ނަތީޖާ ހަމަހަމަކޮށްލުމަށްފަހު ވެސް އާޖެންޓީނާއަށް މެޗުގެ ބޮޑުބައިގައި ކުޅުނު މޮޅު ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. ޚާއްސަކޮށް، ޑި މަރިޔާ ބޭލުމުން އާޖެންޓީނާ ކުޅުން ދަށްވިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

ނަތީޖާ ހަމަހަމަކުރުމަށްފަހު، ފްރާންސުން ރަނގަޅު އެޓޭކްތަކެއް ކުރިއިރު، ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އާޖެންޓީނާގެ ގޯލްކީޕަރ މާޓިނޭޒެވެ. އަނެއްކޮޅުން 90 މިނިޓުގެ އިތުރު ވަގުތުގެ ތެރޭގައި އޭރިޔާގެ ބޭރުން މެސީ ފޮނުވާލި ބާރު ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރ ލޮރިސް މަތަކުރިއެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފްރާންސުން މޮޅަށް ކުޅުނު ނަމަވެސް، ބޮޑަށް ނުރައްކާތެރި ހަމަލާތައް އުފެއްދީ އާޖެންޓީނާއިންނެވެ. މެސީ އޭރިޔާގެ ތެރެއަށް ވަދެގަނެ، ލައުޓަރޯ މާޓިނޭޒަށް ޖައްސާލުމުން އޭނާ ފޮނުވާލި ބާރު ހަމަލާއެއް އުޕަމެކާނޯ ބްލޮކް ކުރިއިރު، ލިބުނު ރިބައުންސް ބޯޅައިން މޮންޓިއޭލް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެރޭން އެވެ. އޭގެ ފަހުން އަކޫނާ ދިން ބޯޅައަކުން މާޓިނޭޒް ފޮނުވާލި ހަމަލާ ވެސް އުޕަމެކާނޯ ބްލޮކްކޮށް ބޭރުކޮށްލީއެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު، މެސީ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރ ލޮރިސް މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. އާޖެންޓީނާއިން އުފެއްދި އެޓޭކެއްގައި މާޓިނޭޒް ފޮނުވާލި ބާރު ހަމަލާއެއް ލޮރިސް މަތަކުރުމުން، ލިބުނު ރިބައުންސް ބޯޅައިން މެސީ ބޯޅަ ގޯލަށް ފޮނުވާލުމުން އުޕަމެކާނޯއަށް ބޯޅަ ކްލިއާ ކޮށްލެވުނީ ބޯޅަ ގޯލު ރޮނގު ހުރަސްކުރިފަހުންނެވެ.

ފްރާންސުން ނަތީޖާ އަނެއްކާ ވެސް ހަމަހަމަކޮށްލީ މެޗުގެ 188 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 8 ވަނަ ލަނޑެވެ. އަދި ފައިނަލް މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މިއާއެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައި، ގޯލްޑަން ބޫޓް އޭނާ ވަނީ ކަށަވަރު ކޮށްފައެވެ. ފްރާންސަށް ޕެނަލްޓީ ލިބުނީ ކޯމަން ފޮނުވާލި ހަމަލާއެއް އޭރިޔާގެ ތެރޭގައިހުރި މޮންޓިއޭލްގެ އަތުގައި ޖެހުމުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ފްރާންސުންނެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މާޓިނޭޒް ރަނގަޅު އަތަށް ޑައިވްކޮށް އަތުގައި ޖައްސާލި ނަމަވެސް، ގޯލަށް ވަނަނުދީ ސަލާމަތް ނުކުރެވުނެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ ޖެހީ ވަރަށް ހަމަޖެހިލާފައި ތިރިތިރިން ކަނާތް ފަރާތަށެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން ފޮނުވާލުމުން މާޓިނޭޒް މަތަކުރިއިރު، އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޑީބަލާ ކާމިޔާބުކުރީ ސީދާ މެދަށް ފޮނުވާލައިގެންނެވެ. ފްރާންސްގެ 3 ވަނަ ޕެނަލްޓީ ޗުއަމެނީ ޖެހިއިރު، އެ ބޯޅަ ދިޔައީ ގޯލުގެ ކަނާތް ފަރާތު ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާއަށް 3 ވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޕަރެޑޭސްއެވެ. ފްރާންސުން ޖެހި 4 ވަނަ ޕެނަލްޓީ ކޯލޫ މުއާނީ ކާމިޔާބުކުރިއިރު، އާޖެންޓީނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހީ މޮންޓިއޭލްއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close