ކުޅިވަރު

ފީފާ ވޯލްޑް ކަޕުން އީރާން ބޭރުކޮށްލާނެކަމުގެ އިންޒާރަށް އެޤައުމުގެ ޓީމުން ވަރުގަދަ ރައްދެއް ދީފި

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުން އީރާން ބޭރުކޮށްނުލެވޭނެ ކަމަށް އެޤައުމުން ބުނެފިއެވެ. މިއީ އެމެރިކާގައި އޮންނަ މި މުބާރާތުގައި އީރާން ޓީމުގެ “ފުރާނައާއި ސަލާމަތަށް” ނުރައްކާ އޮތް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ދިން ރައްދެކެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އީރާން ޓީމުން ބުނެފައިވަނީ، މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނަމަ، އެމެރިކާއަށް މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަދެއްކެވީ، މެދުއިރުމަތީގެ ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް އީރާނުގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގާތު ވިދާޅުވިތާ އެންމެ ދެ ދުވަސް ފަހުންނެވެ.

“އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕަށް މަރުޙަބާ ކިޔަން. އެކަމަކު އެމީހުންގެ ފުރާނައާއި ސަލާމަތަށްޓަކައި، އެމީހުން އެތަނުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،” ބުރާސްފަތި ދުވަހު އޭނާގެ ‘ޓްރޫތް ސޯޝަލް’ ޕްލެޓްފޯމުގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.

މިކަމަށް ރައްދުދެމުން އީރާން ޓީމުން ބުނީ: “ވޯލްޑް ކަޕަކީ ތާރީޚީ އަދި ބައިނަލްއަޤްވާމީ މުބާރާތެއް. މީގެ ބެލެނިވެރި ފަރާތަކީ ފީފާ—ވަކި ފަރުދެއް ނުވަތަ ޤައުމެއް ނޫން.”

“އީރާނުގެ ހިތްވަރުގަދަ ދަރިން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއެކު، އީރާން ޤައުމީ ޓީމަކީ މި ބޮޑު މުބާރާތަށް ކޮލިފައިވި އެންމެ ފުރަތަމަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް.”

“ހަމަކަށަވަރުންވެސް، ވޯލްޑް ކަޕުން އީރާން ބޭރުކޮށްލުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވޭ. މި މުބާރާތުން ބޭރުކޮށްލަންޖެހޭ ހަމައެކަނި ޤައުމަކީ، ‘މުބާރާތް ބާއްވާ ޤައުމުގެ’ ނަން އޮވެ، ބައިވެރިވާ ޓީމުތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ނެތް ޤައުމެއް.”

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާން ބައިވެރިވުމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް، ފަހުން ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނާއި ބެލުންތެރިންނަށް މި މުބާރާތަކީ ރައްކާތެރި ތަނަކަށް ވާނެކަން ކަށަވަރުކޮށްދީ އިތުރު މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close