ރިޕޯޓް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކޯޅުން ބޮޑުވަނީ


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ބޭފުޅުން އަދި ރަސްމީކޮށް އިއުލާން ނުކުރައްވާއިރު، ރިޔާސީ ޕްރައިމަރީގެ ކޯޅުންގަނޑު މިވަނީ ބޮޑުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި، ރައީސް ނަޝީދުވެސް ވާދަކުރައްވާނެކަމަށް ބެލެވުނަސް އަދި އެކަމަށް ތާއީދުކުރައްވާ ބޭބޭފުޅުން މަސައްކަތް ކުރައްވަމުން ދިޔަނަމަވެސް މިހާތަނަށް ރަސްމީކޮށް އެކަން ދެބޭފުޅުންވެސް އިއުލާން ކޮށްފައި ނުވެއެވެ.

އެމްޑީޕީން ނެރޭނެ ކެނޑިޑޭޓަކު މިހާތަނަށް ސާފު ނުވާއިރު، ރައީސް ނަޝީދާއި ރައީސް ޞާލިހާއިމެދު ސިޔާސީ ވާދަވެރިކަން ބޮޑުވެ، އެކީގައި މަސައްކަތް ކުރަން ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޚުދު ރައީސް ނަޝީދުވެސް ގެންދަވަނީ ރައީސް ޞާލިހާއިއެކު މަސައްކަތް ކުރުމަކީ އުދަގޫ ކަމެއްކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

އަނެއްކޮޅުން އެމްޑީޕީއާއި ދާދިފަހުން ގުޅުނު އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ކޮންމެ ކެނޑިޑޭޓަކު މޮޅުވިނަމަވެސް އެމީހަކާއިއެކު ޕްރައިމަރީން ބަލިވާ މީހާޖެހޭނީ ކުރިއަށް ދާންކަމަށެވެ. ސިޔާސީ ގޮތުން އެމީހެއްގެ ސިޔާސީ މުސްތަގުބަލު ބިނާކުރާނީ އެމީހަކު ކަމަށާއި، ބަލިވާ މީހާ މޮޅުވާ މީހެއްގެ ފަހަތަށް ނާރައިފިނަމަ އޭގެ ނަތީޖާ ގޯސްވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް MDP ނުކުންނާނީ ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓަކާއެކީ. އެއީ ވަކިމީހެއްކަން ކަނޑައަޅާނީ ވޯޓުން. ޕްރައިމަރީގަ ބަލިވާމީހަކީMDPގެ ކޮންމެ މީހެއް ކަމަށްވިޔަސް މޮޅުވާ ކެންޑިޑޭޓާއެކީ ހުންނަންޖެހޭނީ! އެމީހެއްގެ ސިޔާސީ މުސްތަޤްބަލް ކަނޑައަޅާނީ އެމީހަކު.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން މަސައްކަތް ކުރަމުންދާއިރު، އަދި މިހާތަނަށް ޕްރައިމަރީ ބާއްވާނެ ތާރީހެއް އިއުލާން ކޮށްފައެއްނުވެއެވެ. ޕްރައިމަރީ ބާއްވާނެ ދުވަހެއް ކަނޑަނޭޅިގެން އުޅެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދަށާއި، އެމްޑީޕީގެ އެންމެ އިސްލީޑަރަށް ތާރީހަކާއިމެދު އެއްބަސް ނުވެވިގެންކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއެވެ.

އެމްޑީޕީގައި ދެފެކްޝަނެއް އުފެދި ބަހުގެ ހަމަލާތައް ވަރުގަދައަކަށް ބަދަލުކުރެވެމުންދިއުމާއެކު މިޕްރައިމަރީ ވެގެންދާނީ ވަރަށްފޯރިގަދަ އަދި ކޯޅުންބޮޑު ޕްރައިމަރީއެއްކަން ކަށަވަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close