ޚަބަރު

ސްމާޓްކޮމް ފެއާގެ ނަމުގައި އެޗްޑީސީގެ ފަރާތުން މިއަދު ހަވީރު ހުޅުމާލޭގައި ފެއާރއެއް ބާއްވައިފި

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ މިއަދު ހަވީރު އެ ކޯޕަރޭޝަނުން ބާއްޥައިފިއެވެ.

އެޗްޑީސީގެ މި ސްމާޓް ކޮމް ފެއާ އޮތީ މިއަދު ހަވީރު16:00 އިން 18:00 އަށެވެ. އަދި މިރޭ 20:00 އިން 22:00 އަށްވެސް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެއެވެ. މި ފެއާގައި ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މަޢުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެއެވެ.

މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެ ކަމަށާ މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަރ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ފަރާތުން ބާއްވާ ސްމާޓްކޮމް ފެއާ 2022 ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ވަނީ ބައިވެރިވެފައެވެ. މިގޮތުން އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް،އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނެއެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާރ ގައި ބައިވެރިވެއެވެ. މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިންގ، ލިންކް ސާވް ފަދަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ. ހަމަ މިއާއެކު، ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯތައް ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް މުހިއްމު ކަމެކެވެ. ވުމާއެކު، ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close