ޔޯގާ ހަމަނުޖެހުން ބަލަން ވަޒީރުންގެ ސަބް ކޮމިޓީއެއް އެކުލަވާ ލައްވައިފި
މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށްބަޔަކު ވަދެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ކުށްވެރިކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައެވެ. މީގެ އިތުރުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޢަމަލު ހިންގިފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލައްވާފައެވެ.
މި ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު
- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
- މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
- އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
- މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
- މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.

