ޚަބަރު

އަދާލަތު ޕާޓީގެ ކުރިއަށް އޮތް 10އަހަރުދުވަހުގެ ސްޓްރެޓެޖިކް ޕްލޭން ފާސްކޮށްފި



އަދާލަތު ޕާޓިން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް، އެޕާޓިގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައިފިއެވެ.

ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އަދާލަތު ޕާޓީން މި ސްޓްރެޓެޖިކް ޕްލޭން ފާސްކުރީ ރޭ ބޭއްވި އެޕާޓިގެ މަޝްވަރާ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ހޯމް މިނިސްޓަރ އަދި އެޕާޓިގެ ރައީސް ޢިމްރާން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ޕްލޭން ފާސްކޮށްފައިވަނީ މައިގަނޑު 8 ދާއިރައަކުން އެޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

އަދާލަތު ޕާޓިގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ދާއިރާތައް:

އެތެރޭގެ ހިންގުން
ގޮފި އަދި ދާއިރާތައް
ޕަބްލިކް ރިލޭޝަންސް
ޕާޓީގެ ސިޔާސަތު
އިންތިހާބުތައް
ޕާޓީގެ މާލިއްޔަތު
ދާހިލީ އަދި ހާރިޖީ ގުޅުންތައް
ޕާޓީގެ މެންބަޝިޕް

ސްޓްރެޓެޖިކް ޕްލޭން ރޭ ތަސްދީްްކޮށް އަމަލުކުރަން ފަށާފައިވާއިރު، އެޕާޓިން ވަނީ އެ ޕްލޭންގެ ޑްރާފްޓް މިއަހަރުގެ ފެބުރުއަރީގައި އެކުލަވާލާފައެވެ. އަދި ޕްލޭން ފައިނަލް ކޮށްފައިވަނީ މިދިޔަ މަހުގެ 11 އިން 13 އަށް ކިނޮޅަހުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއްގައެވެ.

އަދާލަތުން ވަނީ އެޕާޓިގެ މެންބަރުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ޕާޓީގެ ލީޑާރޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށްވެސް ނިންމާފައިވެއެވެ. އަދާލަތަށް ސަރުކާރު ހިންގާ މައި ޕާޓީއާއި އިދިކޮޅުންވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރަނީ އެޕާޓީއަށް މަޖިލިސް އިންތިޚާބުގައި އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވޭތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close