ޚަބަރު

ރާއްޖޭގެ ތާއީދު ފަލަސްޠީނަށް އޮންނާނެ – ރައީސް

އިސްލާމީ އުންމަތުގެ ލާބަ އާއި މަންފާއަށްޓަކައި ރާއްޖެއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށާއި، ޚާއްޞަކޮށް ފަލަސްޠީނަށް ރާއްޖޭގެ ތާއީދު އަބަދުވެސް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިއްޔެ މައްކާގައި ފެށި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯ.އައި.ސީގެ 14 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބަ އާއި މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ފާހަގަކުރައްވައިފައެވެ.

އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ މި ސަމިޓަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި، ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ސަމިޓެކެވެ.

ކޮންމެ 3 އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ޤައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެޤައުމެއްގެ ވިސްނުންހުރި ގޮތް ހިއްސާކުރެއްވުމާއި، އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކުގެ އިސްވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދެއެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކާ މައްސަލަތަކުގެ ތެރޭގައި ޤައުމުތަކުގެ އެތެރޭގެ ބައެއް މައްސަލަތަކާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close