މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ރިޝްފާ އާއި ހުނޭޝާގެ ބަންދުގެ މުއްދަތު ޖަހައިފި
މަސްތުވާތަކެތި ބޭނުންކޮށް، ރޭވިގެން އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ އާއި ހުނައިސާ އަދަމް ނަސީރުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ހުޅުމާލެ އާއި މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ބުރާސްފަތި ދުވަހު ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭގެތެރެއިން ބަޔަކު ހައްުޔަރުކޮށްފައިވަނީ ޕާޓީކުރަން ތިއްބާ މަސްތުވާތަކެއްޗާއި އެއްކޮށް ކަމަށް ވެއެވެ. އޭގެތެރޭގައި ރިޝްފާ އާއި ހުނަައިޝާ ހިމެނެ އެވެ.
މި ދެމީހުންގެ ބަންދާއިމެދު ގޮތްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިޝްފާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު، ހުނައިޝާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެއެވެ.
ކޯޓު އަމުރުގައިވާގޮތުން 37 އަހަރުގެ ރިޝްފާ ފުލުހުން ހައްޔަރުކޮށްފައިވަނީ، ”ގިނަ ބައެއްގެ މެދުގައި ރޭވިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގަ“ އެެވެ. އަދި ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއިއެކު ގިނަބަޔަކު އަތުލައިގެންއިރު، ރިޝްފާ އެތަނުގައި ހުރި ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
ހުނައިޝާގެ ބަންދު އަމުރުގައި އޮތީ ތުހުމަތުކުރެވޭ މައްސަލައަކީ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ޖިނާއީ ބޮޑު މައްސަލައަަކަށް ވާއިރު، އޭނާ ދޫކޮށްލައިފި ނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮންނާނެ ކަމަށެެވެ.
އުމުރުން 26 އަހަރުގެ ހުނައިޝާގެ ބަންދުގެ މުއްދަތު ޖެހިއިރު އޭނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދައުވާ އުފުލުމަށްށްފަހު، ސާބިތުނުވެގެން ދޫކޮށްލި މީހެކެވެ.
މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލައިގައި އެފަހަރު އޭނާގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އެވެ.
އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެ އެފަހަރު އޭނާ ދޫކޮށްލުމުން ޕީޖީން އޭނާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ތަކުރާރުކޮށް ވައްދާފައި ވެސް ވެއެވެ. ނަމަވެސް އެފަހަރު ކޯޓުން ނިންމާފައިވަނީ އޭނާ ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.
ދެން ބަންދުގެ މުއްދަތު ޖެހި ރިޝްފާ އަކީވެސް މިއަހަރުގެ ޖޫން މަސްތެރޭ ސަފާރީއަކަށް ގޮސް މަސްތުގެ ހާލުގައި ހުރެގެން ޒުވާބުކުރާތީ އެ ސަފާރީން ބޭލި ކަމަށް ބުނެ ވީޑިއޯއެއް އާންމުވެފައިވާ މީހެކެވެ.


