އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ، ދެއްވި ޔަގީންކަމަކީ ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެކަމުގެ ޔަގީންކަން

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ރޭ އިންތިހާބުކޮށްފިއެވެ.
މި މަގާމަށް ވާދަކުރެއްވީ ހަމައެކަނި ގަޕޯ ކަމަށްވާއިރު، ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެމަނިކުފާނު ވަނީ ހޮވިފައެވެ. ގަޕޯއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަމެއް ކަމުގައިވީނަމަވެސް، ފަހުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދު ވެސް އޭނާއަށް ލިބުނެވެ.
މަގާމަށް އިންތިހާބުވުމާއެކު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި، ވާހަކަދައްކަވަމުން ގަޕޯ ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އުސޫލާއި ހަމައިގެ ތެރެއިން ނޫންގޮތެއްގައި އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ، ވަކި މީހަކަށް ވަކި ގޮތެއް ހަދަން، ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކުރާނެ މީހެއް ނޫން ކަމަށާއި، އެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް އަރުވާ ކަމަށެވެ.
މިދިޔަ މަހުގެ 28 ގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ވެސް ވަގުތީ ޗެއާޕާސަންކަމަށް މީހަކު އިންތިހާބުކުރަން މަސައްކަތް ކުރެވުނެވެ. އެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދަށް ވޯޓު ނެގުމުން ނަތީޖާއާ މެދު ސުވާލު އުފެދި، ބައްދަލުވުން ހޫނުވެ ނިމިފައިވެއެވެ. ވަހީދަށް 48 ވޯޓު ލިބި، އެ މަގާމަށް އިންތިހާބުވި ކަމަށް އެމްޑީޕީން ނިންމި ނަމަވެސް، ފަހުން ވަހީދު ވަނީ އެ މަގާމު ދޫކޮށްލައްވާފައެވެ.


