އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގުޅައި، މަކަރާއި ހީލަތުން ފައިސާ ހޯދި ދެ މީހަކު ހޯދަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ އެކަކު ހުރީ އިސްތަށިގަނޑު ދިގުކޮށް ނޫކުލައިގެ ގަމީހެއް ލައިގެންނެވެ. ފޯނެއްގައި އޭނާ މަޑުކޮށްލައިގެން އިނީ ޖީއެން ސައިކަލެއްގެ މަތީގައެވެ. ދެން ފެންނަނީ ޕީޕީއެމް އޮފީސް ކުރިމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިނުމަށްފަހު މީހަކު ސައިކަލުގައި ދާ މަންޒަރެވެ. އޭނާ ހުރީ ގޮޅިޖެހި އަތްދިގު ގަމީހެއް ލައިގެންނެވެ. އޭނާ ވެސް ހުރީ އިސްތަށިގަނޑު ދިގުކޮށްފައެވެ.

