އިނގިރޭސިވިލާތުން ގޭހާއި، ތެލުގެ ލައިސަންސް، ކުންފުނިތަކަށް އަލުން ދޭން ނިންމައިފި
ލަންޑަން (ސެޕްޓެމްބަރު 23) – އިނގިރޭސިވިލާތުގައި ޝޭލް ގޭހަށް ފްރެކް ކުރުން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން ރަސްމީކޮށް އުވާލައި، ތެލާއި ގޭސް ލައިސަންސް ދިނުމުގެ އާ ބުރަށް ތާއީދުކުރާކަން ކަށަވަރުކޮށްދީފި އެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި ބަޔާނެއްގައިވާ ގޮތުން، “ގައުމުގެ ހަކަތަ ރައްކާތެރިކަން ވަރުގަދަ ކުރުމަށް” އިނގިރޭސި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގައި ޝޭލް ގޭސް އުފެއްދުން ހުއްޓާލާފައިވާ މައްސަލަ އުވާލައިފަ އެވެ.
އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު ނޯތު ސީ ޓްރާންސިޝަން އޮތޯރިޓީން ފަށާ ތެލާއި ގޭސް ލައިސަންސް ދިނުމުގެ އާ ބުރެއް ރާވާފައިވާކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ލައިސަންސްތަކުގެ ސަބަބުން ޑިވެލޮޕަރުންނަށް ވިޔަފާރީގެ ގޮތުން ފައިދާހުރި ތެލާއި ގޭހުގެ މަސްދަރުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ބިޒްނަސް ސެކްރެޓަރީ ޖެކޮބް ރީސް-މޮގް ވިދާޅުވީ އިނގިރޭސިވިލާތުގެ ހަކަތަ ރައްކާތެރިކަން ހަރުދަނާ ކުރުމަކީ “މުޅިން އިސްކަންދޭ ކަމެއް” ކަމަށެވެ.
2019 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ބުނީ ފްރެކިން އަލުން ފެށޭނީ “ލަސައިންސުން ކެޓަގަރީ ގޮތެއްގައި އެކަން ރައްކާތެރިކަމާއެކު ކުރެވޭނެ ކަމަށް ދައްކާފައި” ކަމަށެވެ. ނަމަވެސް ޑިޕާޓްމަންޓް ފޯ ބިޒްނަސް، އެނާޖީ އެންޑް އިންޑަސްޓްރިއަލް ސްޓްރެޓެޖީން ބުރާސްފަތި ދުވަހު ދައްކާފައިވާ ގޮތުގައި މަނާކުރުން އުވާލުމުން އިތުރު ޑޭޓާ އެއްކުރެވޭނެ އެވެ.
ބިންހެލުމާ ގުޅިގެން ޝޭލް ގޭސް އުފެއްދުން ހުއްޓާލުމުގެ މުއްދަތު 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ވަނީ ފަށާފައެވެ. އޮއިލް އެންޑް ގޭސް އޮތޯރިޓީގެ ރިޕޯޓެއްގައިވާ ގޮތުން ފްރެކިން އާއި ގުޅިގެން ބިންހެލުން އައުމުގެ ފުރުސަތު ޞަރީޙަކޮށް ލަފާކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި ކުރެވޭނެ ކަމެއް ނޫނެވެ.



