ބޭރުދުނިޔެ

އެމެޒޯންގެ އެތައްހާސް މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލުކުރަނީ

އެމެރިކާގެ އޮންލައިން ވިޔަފާރި ބިޔަ ކުންފުނި އެމެޒޯންގެ އެތައްހާސް މުވައްޒަފުން މިއަދު (ބުރާސްފަތި ދުވަހު) މަސައްކަތް ހުއްޓާލާ ހަޅުތާލު ކުރާނެ ކަމަށް ޔޫނިއަން އިސްވެރިން ބުނެފިއެވެ. މިއީ އަހަރުގެ އެންމެ ބިޒީ މޫސުމުގައި އެމެޒޯންއަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ.

އިންޓަނޭޝަނަލް ބްރަދަރހުހުޑް އޮފް ޓީމްސްޓަރސްއިން ބުނި ގޮތުގައި ނިއުޔޯކް ސިޓީ، ސްކޯކީ، އެޓްލާންޓާ، ސަން ފްރަންސިސްކޯ އަދި ދެކުނު ކެލިފޯނިއާގެ ވެއަރހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ހުއްޓާލާނެއެވެ. މުވައްޒަފުން މި ގޮތަށް މަސައްކަތް ހުއްޓާލަނީ ރަނގަޅު މުސާރައަކާއި މަސައްކަތުގެ މާހައުލެއް ހޯދުމަށް ކުންފުންޏާ މަޝްވަރާކުރުމަށް އެމެޒޯން އިންކާރުކުރުމާ ގުޅިގެންނެވެ.
ޓީމްސްޓަރސްއިން ބުނާ ގޮތުގައި އެމެރިކާގެ 10 ވެއަރހައުސްއެއްގައި މަސައްކަތްކުރާ 10،000 މުވައްޒަފުން އެ ޔޫނިއަންގައި ހިމެނެއެވެ. އޭގެ ތެރެއިން 7 ވެއަރހައުސްއެއްގެ މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލާނެއެވެ. މީގެ އިތުރުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި އެމެޒޯންގެ އިތުރު ވެއަރހައުސްތަކުގައި ޕިކެޓް ލައިންތައް ޖަހާނެ ކަމަށްވެސް ޓީމްސްޓަރސްއިން ބުނެފައިވެއެވެ.

މުވައްޒަފުންގެ މި ހަރަކާތަކީ އަހަރުގެ އެންމެ ބިޒީ މޫސުމުގައި އެމެޒޯންއަށް ގޮންޖެހުމަކަށް ވާނެ ކަމެއް ނަމަވެސް، މުވައްޒަފުންނާ މަޝްވަރާކުރަން އެމެޒޯން ތައްޔާރުވާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އެފަދަ މަޝްވަރާއަކުން އިތުރު ޔޫނިއަން ހަރަކާތްތަކަށް މަގުފަހިވެދާނެތީއެވެ.
އެމެޒޯން.ކޮމް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. 1994 ވަނަ އަހަރު ޖެފް ބެޒޯސް އުފެއްދި މި ކުންފުނިން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނަކަށްވުރެ ގިނަ މުވައްޒަފުން ގެންގުޅެއެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެމެޒޯންގެ މުވައްޒަފުންގެ މުސާރައާއި މަސައްކަތުގެ މާހައުލާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އުފެދިފައިވެއެވެ. މީގެ ސަބަބުން ބައެއް ވެއަރހައުސްތަކުގައި މުވައްޒަފުން ޔޫނިއަންތަކާ ގުޅި، އެމެޒޯންއާ ދެކޮޅަށް އެކި ހަރަކާތްތައް ހިންގަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.

މިއަދުގެ މި ހަރަކާތަކީ އެމެޒޯންއާ ދެކޮޅަށް މުވައްޒަފުން ހިންގާ އެންމެ ބޮޑު އެއް ހަރަކާތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close