ޚަބަރު

ނޭފަތަށް ދަގަނޑު ހެރުނު މީހާ އޮތީ އައިސީޔޫގައި، ހާލު ސީރިއަސް


އިއްޔެ ހެންވޭރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓެއްގައި ހަށިގަނޑަށް ދަގަނޑެއް ހެރުނު ބިދޭސީ މީހާ މިހާރު އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭއިން ބުނެފި އެވެ.

އޭޑީކޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަށް ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ ބިދޭސީ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ މޫނަށް ހެރުނީ 3 ފީޓްގެ ދަގަނޑު ގަނޑެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އިއްޔެ ހިނގި އެ ހާދިސާގެ މަންޒަރު ދުށް މީހަކު “ވަގުތު” އަށް ބުނީ ދަގަނޑު ވެއްޓިފައި ވަނީ މަސައްކަތް ކުރި އިމާރާތުގެ ވައި ގޮޅިން ދަގަނޑުތައް އެރުވުމުގެ ތެރޭގައި ކަމަށެވެ. ދަގަނޑު ވެއްޓިފައި ވަނީ އެމީހާގެ ނޭފަތް މައްޗަށް ކަމަށް އޭނާ ކިޔައިދިނެވެ.

ވެއްޓުނު ދަގަނޑު ހަށިގަނޑުގެ ފުނަށް ވަދެފައި، ނޭފަތުން ވަދެގެން ބަނޑާއި ހަމައަށް!

“ސިޑި ގޮޅި ތެރެއިން ދަގަނޑުތައް ވާޖަހައިގެން އެރުވީ، އެރުވުމުގެ ތެރޭގައި އޭގައިން ދަގަނޑުބުރިއެއް ވެއްޓި މަސައްކަތުގައި އުޅުނު ބިދޭސީ މީހެއްގެ ނޭފަތްމައްޗަށް ހެރުނީ. ދަގަނޑުގެ ވަރަށް ބޮޑުބައި ހުރީ އޭނާގެ ހަށިގަނޑުގެ ތެރެއަށް ވަދެފައި” އޭނާ ބުންޏެވެ.

އިތުރު މީހަކު ކިޔާދިންގޮތުގައި، އެ ދަގަނޑު ހަށިގަނޑުގެ އެތެރެއަށް ވަނީ ވަރަށް ބޮޑަށް ހެރިފައެވެ. ބެލެވޭގޮތުގައި، ނޭފަތަށް ހެރުނު އެ ދަގަނޑު ގޮސް ބަނޑާއި ހަމައަށް ވަނީ ފޯރާފައެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދުން ނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. އެ ފަދަ ހާދިސާތައް ހިނގުން މަދު ކުރުމަށް ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިދާރާތަކުން އިލްތިމާސް ކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close