ޚަބަރު

އެއްޖިންސުން ގުޅުން ހިންގި ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައި


އެއްޖިންސުން ގުޅުން ހިންގި ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ދައުރުވާން ފެށީ މީގެ ދެތިންމަސް ކުރިންނެވެ. ނަމަވެސް އެއީ އޭގެ އެތައް ދުވަހެއް ކުރިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެއެވެ. އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމުން ނަސީރު ހައްޔަރުކޮށް މަހެއްހާ ދުވަހު ޖަލުގައި ބޭއްވިއެވެ. ފުލުހުން އޭނާ ދޫކޮށްލާފައިވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށްފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނަސީރުގެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.

ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ޕީޖީން ހުށަހެޅީ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން އެމައްސަލަ ދެން ބަލައި ގަންނާނެ ކަމަކަށް ނުބެލެވެއެވެ.

އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ހުކުމް ވެސް މިހާރު އިއްވައިފިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުޑަ ހުކުމެއް އައުމުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close