2500 އަކަފޫޓްގެ 100 ގޯތި ނ.ލަންދޫން ދޫކުރަން ނިންމައިފި
2500 އަކަފޫޓްގެ 100 ގޯތި ނ.ލަންދޫން ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
ނ.ލަންދޫ ކައުންސިލުން އިއްޔެ ޢާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ހޯދުމަށް އެދި އެރަށުގެ ވަރަށްގިނަ ފަރާތްތަކަކުން އެދެމުންދާތީ އާއި ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގޯތި ދޫކުރުމުގެ ބުރެއް ވަރަށް އަވަހަށް ބާއްވާގޮތަށް ހަމަޖައްސާފައިވާ ވާކަމުގައެވެ. އަދި މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓްގެ 100 ގޯއްތިކަމަށްވެސް އެއިޢުލާންގައި ބުނެފައިވެއެވެ.
ގޯތި ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ގޯތި ދޫކުރެވޭނީ ގޯތި ދޫކުރާ ސަރަހައްދުން ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭނަށްބަލާ ބިމާބެހޭ ގާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން އަދި ގޯތިދޫކުރާ ސަރަހައްދު ތަކުން ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށް ކަމަށާއި، އެގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ގޯތި ކަމުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގޯއްޗަށްއެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލުގައިވާ ގޮތުގެ މަތިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ފަރާތަކަށް ކަމަށްވެސް އެއިޢުލާންގައި ވެއެވެ.
އިއްޔެ ލަންދޫކައުންސިލުން އެ އިޢުލާންކުރިތާ 10 ވަރަކަށް މިނިޓް ތެރޭގައި ކައުންސިލް އިދާރާއަށް ގިނަޢަދަދެއްގެ ރައްޔިތުން ވަނީ އައިސް ކިއު ހަދާ ގޯތި ހޯދުމަށް ފޯމް ނަގާފައެވެ.
ލަންދޫ ކައުންސިލުންބުނީ ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 25 ކަމުގައެވެ. ނަމަވެސް އިއްޔެ ގިނަޢަދަދެއްގެ ރައްޔިތުން އެއްފަހަރާ ކައުންސިލަށް އައިސް ފޯމް ހޯދުމަށް އުޅުމުން އެނގިގެންދިޔައީ ގޯތި ހޯދުމަށް ބޭނުންވެފައިވާ މީހުން ގިނަކަމާއި، އެކަމުގެ މުހިއްމުކަން ކަމުގައި ކައުންސިލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިއެވެ.

މީހަކާ ނުއިނދެ ހުއްޓަސް ޢުމުރުން 18 އަހަރުފުރިފައިވާ ކޮންމެ މީހަކަށްވެސް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިފަހަރު އޮތުމުން ލަފާކުރެވޭގޮތުގައި ގޯތިހޯދުމަށް ގިނަޢަދަދެއްގެ މީހުން މިފަހަރު ފޯމް ލާނެކަމަށްވެސް ކައުންސިލުން ވާހަކަ ދެއްކި ފަރާތުން ހާމަކުރިއެވެ.
ލަންދޫއަކީ ނިސްބަތުން ބިންބޮޑު ރަށެއްކަމުގައިވިޔަސް އެރަށުގެ ބިމުގެ 80 އިންސައްތައަކީ ޗަކަ ބިމެވެ.
