އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން، އަޅުގަނޑަަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް : ގާސިމް
އެމަނިކުފާނަކީ ސިޔާސީ މީހެއް ނޫންކަމަށާއި، އަބަދުވެސް މަސައްކަތް ކުރައްވަނީ އިސްލާހަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ އަކީ ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަން ބޭނުންވެގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާ އަބަދުވެސް ކުރައްވަނީ އިސްލާހީ މަސައްކަތް ކަމަށެވެ. އަދި، ސިޔާސީ ގޮތުން ކުރި ހޯއްދަވަން ބޭނުންނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
“އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އަޅުގަނޑަަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އޭނާ އަޅުއްވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ހޯއްދަވަނީ އެ ބޭނުމުގައި ކަމަށެވެ. އަދި، އޭނާ މަޖިލީހުގައި އިންނަވަން ޖެހޭ އެ ނޫން ސަބަބެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
“އަޅުގަނޑަކީ ސިޔާސީ މީހެއް ނަމަ މިހާރު ވެސް ހުންނާނީ ވެރިކަމުގައި، މިއަދު ވެސް އިއްޔެ ވެސް،” ރާއްޖޭގެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ލެގަސީއެއް ނޫން ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ހޯދުމަކީ، ރައީސްޖުމްހޫރިއްޔާގެ މަގާމް ހޯދުމަކީ. އެއީ ކޮންމެހެން ބޭނުންވާ ކަމަކަށް ނުވާތީ އެކަން ނުކުރަނީ”
މީގެ އިތުރުން، މިހާތަނަށް ލިބުނު އާމްދަނީގެ 60 އިންސައްތަ ހަރަދުކޮށްފައިވާނީ ގައުމަށާއި ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށާއި ﷲ ގެ މަގުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ވަރަށް އުފަލުގައި މިހުރީ. ރިގްރެޓެއް ނުކުރަން ހިތާމައެއް ނުކުރަން،” ގާސިމް ވިދާޅުވިއެވެ.
ވެރިކަން ބޭނުންފުޅުނުވާ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް އާ ގާނޫނު އަސާސީގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި އޭނާ ވާދަކުރެއްވިއެވެ. ހަމައެކަނި ވާދަނުކުރެއްވުނީ 2018 ވަނަ އަހަރުގެ އިންތިހާބުގައެވެ. އެއީ އެފަހަރު އޭނާއަށް ޖަލު ހުކުމެއް އައިސްފައިވުމުންނެވެ.
އަންނަ އަހަރު އޮންނަ އިންތިހާބުގައި ވެސް ޖުމްހޫރީ ޕާޓީން ވާދަކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.


