ޚަބަރު

މޭޔަރު މުޢިއްޒު ވިދާޅުވަނީ ހިޔާ ފްލެޓްތައް ނިންމޭނީ ނުވަ މަސް ދުވަހުން ކަމަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާލެވޭނީ މަދުވެގެން 9 މަސް ލިބިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު ހުރިހާ ފްލެޓެއް ހަވާލުކޮށް އަންނަ މަހުގެ 15 ގައި ނިމޭނެ އެވެ. އޭގެ ފަހުން ފްލެޓުތަކުގެ މަސައްކަތް ނިންމަން ފްލެޓުތަކުގެ ވެރިފަރާތަށް ދޭން ނިންމާފައިވަނީ ތިން މަސް ދުވަހެވެ.

މި މައްސަލައިގަ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް މިރޭ ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދިވެސް ތިން މަހުގެ މުއްދަތަށް ބަދަލު ގެނެސް މުއްދަތު އިތުރުކޮށްދިނުމާއި މެދު ސަރުކާރުން ނުވިސްނާ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތް ދެނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އަދިވެސް އެދެނީ ފްލެޓު ލިބުނު ފަރާތްތަކަށް ފިނިޝިންއަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން އެކަމުގައި ދެކޭ ގޮތް ލިޔެކިޔުމުންވެސް ފޮނުވާފައި ވާކަމަށެވެ.

އެކަމަކު މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުން ދޫކުރާ އެންމެ އަގު ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ މި ފްލެޓުތަކަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ 7،500 ކުލީގެ ގޮތުގައި އަދި 1،000 ފްލެޓު މެއިންޓަނަންސްގެ ގޮތުގައި އެވެ.

ފްލެޓުތަކުގެ ފިނިޝިންއަށް ދޭ ނިންމާފައިވާ ތިން މަހު ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެކަން ނުވާނެ ކަމަށް ބުނެ ފްލެޓު ލިބުނު މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ މުއްދަތު އިތުރު ކޮށްދޭންވެސް އެދެމުންދެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close