ޚަބަރު

އެކްޝަން ޕްލޭން ގައި ހިމެނޭ “ފަޚުރުވެރި ޢާއިލާ” އާއި ބެހޭ މަޝްވަރާތައް ބާއްވައިފި

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައި ހިމެނޭ “ފަޚުރުވެރި ޢާއިލާ” މި ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި “ފަޚުރުވެރި ޢާއިލާ” މި ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަފާތުކުރުންތައް ނައްތައިލުމާއި ހަވާސާވެފައިވާ އާބާދީތަކާއި ގުޅިގެން އިސްކަންދޭ ގިނަ ކަންތައްތަކަށް އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ..

ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، ޢާއިލާއާއި ބެހޭ ކޯޓުގެ އިސްވެރިންގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޢާއިލީ ދުޅަހެޔޮކަމާއި މުޅި މުޖަތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ޢާއިލާ ރޭވުމާއި، ދަރިންނަށް ލިއްބައިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.

އަދި، ޢާއިލީ ގުޅުންތައް ބަދަހިކޮށް ޢާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، ޢާއިލާތައް ރޫޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވައިލެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close