ތުހުމަތުތަކެއްކޮށް ނަފުރަތު އުފައްދަމުންދާތީ ޑރ.ޢިޔާޟު ބަޔާނެއް ނެރެފި
ތުހުމަތުތަކެއްކޮށް ނަފުރަތު އުފައްދަމުންދާތީވެ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު މިއަދު ބަޔާނެއް ނެރެފިއެވެ.
ޑރ. ޢިޔާޟް ނެރުން ބަޔާނުގައި ބުނެފައިވަނީ، އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އަޅުގަނޑު އެކަމަށް ވަކާލާތުކުރި އަދި ވަކާލާތު ކުރާ އަދި ވަކާލާތު ކުރާނޭވެސް ކަމެއް ނޫންކަމަށާއި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައަކަށްވާއިރު، އެ އާދަ އަނބުރާ އިޢާދަކުރުމަށް އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރާ ކަމަށެވެ.
ޑރ. ޢިޔާޟްގެ ބަޔާނުގައި އަންހެނުން ޚިތާނު ކުރުމާއިބެހޭގޮތުން ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތައް ހިމެނުމަށްފަހު ވިދާޅުވެފައިވަނީ، މިކަމަކީ އިސްލާމްދީނުގައި އަސްލެއްނެތްކަމެއްކަމަށް ބުނުމަކީ ޢިލްމީ ގޮތުން ޞައްޙަ ބުނުމަކަށް ނުވާނޭކަމަށެވެ.
އަދި ޢިލްމީ ގޮތުން އެ މައްސަލަ ދިރާސާކޮށް އެއީ ޙަރާމުކަމެއްކަމަށް އިޖްތިހާދު ކުރެވިއްޖެނަމަ އެ ރަޢުޔު އެގޮތަށް ނެރެވިދާނެކަމަށާއި ވަކި ފަރުދެއްގެ އިޖްތިހާދުން އަންހެނުން ޚިތާނު ކުރުމުގެ ހުރިހާ ބާވަތަކީވެސް ޙަރާމްކަމަކަށްވުމަކީ، އިސްލާމީ އުންމަތުގެ ކުރިއާ މިހާރުގެ ގިނަ ޢިލްމުވެރިންގެ އިޖްތިހާދު އެކަށް ބާޠިލުވެ އެއްވެސް ބުރަދަނެއް ނެތް އިޖްތިހާދަކަށް ވެގެންދާނެކަމެއް ނޫންކަމަށެވެ.
ޑރ. ޢިޔާޟުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގައި ދީނަށް ފުރައްސާރަކުރުމާއި ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އަދި އެކަމާ ދެކޮޅަށް އިސްވެ ތެދުވެ ހުރިއެކެއްގެ ގޮތުގައި އަޅުގަނޑު ހުރި މިދަނޑިވަޅުގައި، އިސްވެ ދެންނެވިފަދައިން ޢިލްމީ ޙަޤީޤަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން، އަޅުގަނޑާމެދު ނަފްރަތު އުފައްދައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ވައްދައި، ޢިލްމީ މުއައްސަސާއެއްކަމަށް ބުނެވޭ މުއައްސަސާއަކުން އަޅުގަނޑަށް ވަޒީފާގެ ބިރުދައްކާ އަޅުގަނޑާ ދެކޮޅަށް ދޮގު ބުހުތާނު ހަދާ، ކާޓޫނު ކުރަހާ، ގަނާކޮށް އަޅުގަނޑުގެ އަބުރަށް އަރައިގަނެ އަދި މިހުރިހާ ކަމެއް ވެގެންދާއިރު ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ހަނު ތިއްބަވާ، ލާދީނީ ފަރާތްތަކުން އެފަރާތަށް ބޭނުންހާ ގޮތަކަށް ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލެވެމުން ދާދިއުން ހިތާމަޔާއިއެކު ކުއްވެރި ކުރާކަމަށެވެ.

