ބިދޭސީއެއްގެ ކަރުގައި އޮތް ރަންފަށެއް ޖަހައިގެންފި
ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ދިވެހި ދެފިރިހެނުންވެގެން ޖަހައިގެންފިއެވެ.
މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އިންޑިއާ އަންހެނެއްގެ ކަރުގައި އޮތް ފަލަ ރަންފަށެއް ޖަހައިގެންފައިވަނީ ސައިކަލެއްގައި ދަމުންނެވެ.
ރަންފަން ޖަހައިގެން ދެ މީހުން ފިލާފައިވާއިރު، އާއްމު ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރު، މައްޗަންގޮޅި ދިލްބަހާރު މަގުގައެވެ.
ދިލްބަހާރު މަގުން އުތުރުން ދެކުނަށް ހިނގާފައި ދިޔަ ބިދޭސީ އަންހެންމީހާގެ ކަރުގައި އޮތް ފަލަ ރަންފަށް ދަމައިގަނެގެން ފިލީ އެމަގުން މަޖީދީމަގާއި ވީކޮޅަށް ސައިކަލެއްގައި ދުއްވާފައި ދިޔަ ދިވެހި ދެފިރިހެނުންނެވެ.
އޮރެންޖު ކުލައިގެ އެއާބުލޭޑް ސައިކަލެއްގައި ދިޔަ އެދެމީހުންނާއި ސައިކަލް އަދި ސައިކަލުގެ ނަމްބަރު ބޯޑުވެސް ސާފުކޮށް ފެންނަ ވީޑިއޯ ފުޓޭޖްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި ފޭރުނު މީހުންގެ ވަނަވަރުވެސް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފައެވެ.
މާލޭގައި މަގުމަތިން ފޭރުމުގެ މައްސަލަތައް މަދުވެފައި އޮތުމަށް ފަހުގައި އަނެއްކާވެސް މިފަދަ ކަންކަން ހިނގަމުން އަންނާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފޭރުމުގެ މިމައްސަލަ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



