ޚަބަރު

ލިވާތުކުރި ވީޑިއޯތައް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުން ފާޅުކޮށްފި

ބިނަބަޔަކާއެކު ބަދުއަޚްލާޤީ ޢަމަލު އެއްޖިންސުން ހިންގި ބަނގުލާދޭޝްގެ މީހާ އަލަމްގީރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އެއްވެސް ސެންސަރު ކުރުމެއްނެތި ޢާއްމުކުރަމުންދާތީ އަދި އޭގެ ސަބަބުން ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ, ބަދު އަހްލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ އާންމުކުރަމުންދާއިރު އެއީ ޖިނާއީ ކުށަކަށްވުމުގެ އިތުރުން، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ކަމަށް ބުނެ އެކި މީހުންގެ ވަނަވަރު އާންމުކުރުމުން ދިޔުމުގެ ސަބަބުން ބައެއްގެ އަބުރާއި ކަރާމަތަށް އަރައިގަންނަމުންދާ ކަމަށެވެ.

“މިފަދަ އަމަލުތަކުގެ ސަބަބުން، އަދުލު އިންސާފު ގާއިމުކުރުމަށް ވެސް ހުރަސްތަކާ ކުރިމަތިވާނެ ކަމަށް ގާބޫލުކުރެވުމުގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން އާއިލާތަކާއި މުޖުތަމައުގައި ހަމަނުޖެހުމާއި، ފިތުނަ ފަސާދަ އުފެދި އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް,” ބަޔާނުގައިވެ އެވެ.

އޭގެއިތުރުން ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ކަމަށާއި އެފަދަ ވީޑިއޯތައް އާންމު ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކުޑަކުދިން ވެސް ބޭނުން ކުރާއިރު އެ މަންޒަރުތައް ފެނުމުން އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ބަޔާނުގައިވެ އެވެ. އެގޮތުން, ރައްކާތެރިކަމާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅެމުންދާ ކަމަށް ބުންޏެވެ.

މި ބާވަތުގެ މައްސަލަތަކުގައި އަދި އެހެންވެސް މައްސަލަތަކާ ގުޅޭ ގޮތުން ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ, އެފަދަ ކަންކަން ބަލައި ތަހްގީގުކުރުމުގެ ބާރު އޮތް އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް، މައްސަލަތައް ތަހުގީގު ކުރުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް އެކަށަޅާފައިވާ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް ކޮމިޝަނުން އިލްތިމާސްކުރި އެވެ.

“މިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ތަހްގީގީ އިދާރާތަކާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމަށާއި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު މުހިންމުކަމެއް,” ބަޔާނުގައިވެ އެވެ.

އެހެންވެ, އެގޮތުގެ މަތިން އަމަލު ކުރުމަށް ހުރިހާ އިދާރާތަކަކަށް ހިއުމަން ރައިޓްްސް ކޮމިޝަނުން ގޮވާލި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close