އިމިގްރޭޝަންގެ ހިދުމަތްތައް ޒަމާނީކޮށް، ތާރީހީ “ވޯލްކް އޮފް ލެގަސީ” އިފުތިތާހުކޮށްފި

ދިވެހި ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.
މި އާ ބަދަލުތައް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން އުނދަގޫވާ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގައި އެހީތެރިވެދިނުމުގެ އިންތިޒާމު ހިމެނެއެވެ. އެގޮތުން، އިސްރަށްވެހިންނަށް ފޮޓޯ ނެގުމާއި އޮންލައިން ފޯމު ފުރިހަމަކުރުމުގައި އިމިގްރޭޝަނުން ސީދާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެއިތުރުން، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު ސަރަހައްދަކާއެކު، މައުލޫމާތު ސާފުކޮށްދޭނެ ހާއްސަ “އިންފޮމޭޝަން ކައުންޓަރެއް” ވެސް ވަނީ ގާއިމުކޮށްފައެވެ.
މި ހިދުމަތްތަކާއެކު އިމިގްރޭޝަންގެ ހެޑް އޮފީހުގައި “އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ” ގެ ނަމުގައި ތާރީހީ މައުރަޒެއް ވަނީ ހުޅުވައިފައެވެ. 1950 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އިމިގްރޭޝަންގެ ތަރައްގީއަށް ކުރެވުނު މަސައްކަތްތަކާއި، ކުރީގެ ފޮޓޯތަކާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާވެގެންދިޔަ ގޮތް ދައްކުވައިދޭ މައުލޫމާތު މި މައުރަޒުން ފެންނަން ހުންނާނެއެވެ.



