ފާހިޝް ވީޑީއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގާނޫނެއް ވަރަށް އަވަހަށް ހަދަންޖެހޭ: އިމްރާން
ފާހިޝް ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށާއި، އެކަން ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާޢީ އަޚްލާޤިއްޔަތު އެއްކޮށް ފުނޑު ފުނޑު ވެދާނެކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަން ޖެހޭ ކަމަށެވެ.
“އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ.” މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އެގޮތަށް ވިދާޅުވީ، ބަންގްލަދޭޝްގެ އަލަމްގީރް އާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އާންމުވަމުންދާތީ ކަމަށް ބެލެވެއެވެ.
އެ މައްސަލާގައި އަލަމްގީރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު ވަނީ ހައްޔަރުކޮށްފައެވެ.
މީގެއިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ރާއްޖެ ދޫކޮށް ބަޔަކު ފުރާފައިވެސް ވެއެވެ.


