ރޮޒައިނާގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފި
އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފި ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
އެކައުންޓް ހެކްކޮށް، އެކައުންޓަށް ނުވަދެވޭ ގޮތް ހަދާފައިވާކަން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ، ރޭ ދަންވަރު 2 ޖެހިއިރުންސުރެ އެކައުންޓަށް ލޮގް ނުވެވޭ ކަމަށެވެ.

“މިހާތަނަށް އަޅުގަނޑު ކޮށްފައި ހުރި ޕޯސްޓްތަކުގެ އިތުރުން ޕޯސްޓެއް ކޮށްފައެއް ނުވޭ” ރޮޒައިނާ ފޭސްބުކްގައި ލިޔުއްވިއެވެ.
ޓްވިޓާގައި އެންމެ އެކްޓިވް އެއް ސިޔާސީ ބޭފުޅަކަށް އެކަމަނާވާއިރު، ރޮޒައިނާގެ ޓްވިޓާ އެކައުންޓް ވަނީ ވެރިފައި ވެސް ކޮށްފައެވެ.
ރޮޒައިނާ ވިދާޅުވީ، އެކައުންޓް ހެކް ކުރިޔަސް ބުނަން ބޭނުންވާ އެއްޗެއް ބުނުއްވާނެ ކަމަށާއި ކުރަން ބޭނުންވާ ކަމެއް ކުރައްވާނެ ކަމަށެވެ.
ރޮޒައިނާގެ އެކައުންޓް ހެކްކޮށްފައިވަނީ، ރައީސް ނަޝީދާއި ވަރަށް ބޮޑު ޒުވާބެއް ރޭ ކުރައްވާފައިވަނިކޮށެވެ. ރައީސް ނަޝީދާހުރެ އެމްޑީޕީގެ ނަން ހަޑިވެފައިވާ ކަމަށް ބުނެ ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

