މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް ސާބިތުކޮށް ނުދެވިއްޖެނަމަ ހައްދު ޖަހަން ޖެހޭނެ: އިލްޔާސް
މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ތުހުމަތުކުރި މީހާ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް އެހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހެއްގެ މައްޗައް ޒިނޭގެ ތުހުމަތުކޮށް، އެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ އެ މީހެއްގެ ގައިގައި ގަޒްފުގެ ހައްދު ޖަހަން ޖެހޭނެ ކަމަށާއި އަދި ހެކި ބަސް ގަބޫލް ނުކުރެވޭނެ ކަމަށެވެ.
“މި ފަދަ މީހުން ދައުލަތުގެ އިސް މަގާމްތަކުގައި ބައި ތިއްބަން ވެސް ނުވާނެ.” އިލްޔާސް ވިދާޅުވިއެވެ.
މި މައްސަލައިގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައި ވަނީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށެވެ. ހަތަރު ހެކިން ނުގެނެސްފިނަމަ ގަޒްފުގެ ހައްދު ( އަށްޑިހަ އެތި ފަހަރު) ޖަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމީހަކީ ފާސިގެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލް ނުކުރެވޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ވަނީ ފޮނުވާފައެވެ. ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖާ ގުޅިގެން ބައެއް މީހުން ވަނީ އޮރިޔާން ފޮޓޯ ގެންގުޅުމުގެ ކުށުގައި ނަޝީދު ހައްޔަރު ކުރަން ގޮވާލާފައެވެ. އަދި ރައީސް ސޯލިހް ބްލެކްމެއިލް ކުރަން ނަޝީދު މަސައްކަތް ކުރައްވާ މައްސަލައިގައި ވެސް ނަޝީދު ހައްޔަރުކުރަން ބައެއް މީހުން ވަނީ ގޮވާލާފައެވެ.
ނަޝީދުގެ މެސެޖްތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ނާޒިމް ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހި ނަޝީދު އަސާސެއްނެތް ވާހަކަތަކެއް އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕްގައި ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ ތުހުމަތެއް އޮތްނަމަ ހުށަހަޅަން ޖެހޭނީ ފުލުހުންނަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ކަމަށެވެ.
ފައްޔާޒަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ “ފަޔާއަށް، އަޅުގަނޑަށް ނަސޭހަތެއް ނުދެވޭނެ.” ކަމަށެވެ. ނަޝީދު އެހެން ވިދާޅުވުމުން ފައްޔާޒް ވިދާޅުވީ ނަސޭހަތް ދެވޭނެ ކަމަށެވެ.