މަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރައްވައިފި
އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.
ކޮޕީ މުޙައްމަދު ރަޝީދަކީ ތަފާތު އެކި ފަންނުތަކަށާއި، ދިވެހި އަދަބީ ރޮނގުތަކުން ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޤައުމީ ޚިދުމަތްތެރިއެކެވެ. އޭނާގެ ޚިދުމަތް ދިވެހި ޤައުމުން ދުވަހަކުވެސް ފަނޑުވުމެއް ނެތެވެ.
ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވާގޮތުގައި އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައެވެ.
އަދި، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.


