ފުލުހުންނަކީ ރެޔާއި ދުވާލު ރައްޔިތުންގެ ހިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށް އުޅޭ ބައެއް – ނައިބު ރައީސް
ފުލުހުންނަކީ ރެޔާއި ދުވާލު ރައްޔިތުންގެ ހިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށް އުޅޭ ބައެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ އާ ގާނޫނަށް ގާނޫނަށް އަމަލުކުރަން ފެށުމުގެގޮތުން އިސްކަންދަރު ބިލްޑިންގައި ބޭއްވި ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމަކުން އަޅުގަނޑުމެން އެ ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭނެ ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފުލުހުންގެ އެންމެ އިސް ވާޖިބަކަށްވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، މަސްލަހަތު ރައްކާތެރި ކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަމާން ވެށްޓެއް އެންމެހައި ރައްޔިތުންނަށް ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ރެޔާއި ދުވާލު ރައްޔިތުންގެ ހިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށް އުޅޭ ބައެއް ކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކުވެސް އަޑުއިވިގެން މިދަނީ މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާއި އެނޫންވެސް އެކިއެކި މައްސަލަތަކެވެ.
މިއީ އަޅުގަނޑުމެން މިއަދު މިކަމަށް ފުންކޮށް ވިސްނައި، އާ ގާނޫނެއް ލިބިގެންދާއިރު އައު ހިތްވަރަކާއި އަޒުމަކާއެކު އެންމެން އެކުގައި، ވަކިން ހާއްސަކޮށް ފުލުހުންގެ ބޭފުޅުން މަސައްކަތަށް ނުކުންނަ އިރު މުޅި ގައުމުގެ ހުރިހާ އެންމެން ވިސްނަންޖެހޭނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ގައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި އާއިލާއަކަށް އަދި ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫންކަމަށާއި ގައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ އެ މައްސަލަތައް ހުރުމުން އެ ގައުމުގެ އެންމެހައި ރައްޔިތުންނަށް އޭގެ ސަބަބުން ހިތާމަޔާއި ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް ކަމުގައެވެ. އަދި ވަކިން ހާއްސަކޮށް ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް އެ މަސައްކަތް ރަށު ކައުންސިލުތަކާއި، ޖަމިއްޔާތަކާ އަދި ރައްޔިތުންނާ ގުޅިގެން ކުރަމުންދާއިރު، ކުށްކުރުން ހުއްޓުވުމަށް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެއްޓެއް ގާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.
އޭގެ އިތުރުން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަބަދުވެސް ވިސްނަންޖެހޭނީ އިންސާނީ ކަރާމާތާއި، މީހުންނަށް އިހުސާންތެރިވުމާއި، ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭ ކަމަށް ގަބޫލުނުކުރުމާއި އަދުލުވެރިކަން އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިކަމާއެކު ކަންތައްތައް ކުރުމާއި އަދުލުވެރިކަންމަތީ ދެމިތިބުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
