ޚަބަރު

ރައީސް ނަޝީދު ބިގޭއަށް: ފަނޑިޔާރުންގެ މަޖިލީހޭ ކިޔައިގެން ތިޔަހައްދަވަނީ ހުސްދޮގު

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ދައްކަވަނީ ހުސްދޮގުވާހަކަ ކަމަށްވިދާޅުވެ ، ރައީސް މުޙައްމަދު ނަޝީދު، ބިގޭއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މިރޭ ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވުމަކީ ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ކުރާކަމެއްކަމަށް ވިދާޅުވެ މެންބަރު ރަޝީދު ހައްދަވަނީ ހުސް ދޮގުކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވާގޮތުން އެފަދަ ކަމެއް  ނުވެސްކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝިދު ވިދާޅުވީ އެފަދަ ފިތުނައިގެ ވާހަކަތަކަކީ އެ ގްރޫޕްގައި އެމަނިކުފާނާއި ރައީސްއާއި ޖެއްސުމަށް ދައްކަވާ ވާހަކަތަކެއްކަމަށާއި، އެވާހަކަތައް ޤަބޫލު ނުކުރެއްވުން އެދޭކަމަށެވެ.

މެންބަރު ރަޝިދު ގެންގުޅުއްވާ ލިސްޓްގައި އެމްޑީޕީގެ ކަންކަމުގައި އުޅޭ މީހުންވެސް ވަރަށް މަދުވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައްދު ދެއްވާފައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަށް ވަކިބަޔަކު ހޮވުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވާކަމުގެ ތުހުމަތު އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވައެވެ.

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަކީ އެޕާޓިގެ ބާރުގަދަ ގުނަވަނެކެވެ. އަދި އެއީ 5 އަހަރު ދުވަހަށް އައްޔަންކުރާ މަޖިލީހެކެވެ.

ރައިސް ނަޝިދު މެންބަރު ބިގޭއަށް ރައްދު ދެއްވާފައިވާއިރު، ބިގޭ އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނެކެވެ.

މީގެ ކުރިން ރައީސް ނަޝިދު ވަނީ ބިގޭ ޕާޓިން ވަކިކުރައްވާނެކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނަކާއި، ރައީސް ސޯލިޙްގެ ފެކްޝަނެއް އެމްޑީޕީގައި އުފެދިފައިވާއިރު އަދި ދެފެކްޝަނުގެ ކޯޅުންގަނޑު މިހާބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެފައިވަނީ ދެ ރައީސުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް ހައްލުނުކުރެވޭވަރުގެ ކަމެއް ނެތްކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close