ޚަބަރު

ރެހެންދި ސްކޫލްގެ ކެންޓީނު ބަންދުކޮށްފި

ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބާއްވާ “ރެހެންދި ސޭލް” ގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ ގޮތަކަށް ބުއިންތަކަކަށް ނަން ދީފައި އޮތް މެނޫއެއް ބެހެއްޓި މައްސަލަގައި ކެންޓީނު ބަންދުކޮށްފައިވާ ކަމަށް ރެހެންދި ސްކޫލުގެ ޕީޓީއޭ އިން ބުނެފިއެވެ.

ސޯޝަލް މިޑިއާގައި އާންމުވެފައިވާ އެ މެނޫ އިޝްތިހާރުގައި ބުއިންތަކުގެ ގޮތުގައި ހަ ނަމެއް ހިމަނާފައިވާ އިރު އޭގެ ތެރެއިން ތިން ނަމަކީ އާންމު މިންގަނޑަށް ނުފެތޭ ނަންތަކެވެ. އެ ނަންތަކަކީ “މިޑްނައިޓް ކިސް” އާއި “ސެކްސް އޮން ދަ ބީޗް” އަދި “ސެކްސް އޮން ދަ ޕެޝަން” އެވެ.


އެމައްސަލައާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރެހެންދި ސްކޫލުގެ އޮފިޝަލެއް ވިދާޅުވީ، އެ މައްސަލާގައި މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ކެންޓީނު މިހާރު އެއްކޮށް ބަންދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


އޮފިޝަލް ވިދާޅުވިގޮތުގައި އެ ކެންޓީނު ހިންގީ އެހެން ސްޓޯލްތައް ފަދައިން ބޭރު ބަޔަކަށް އައުޓްސޯސް ކޮށްގެން ކަމަށެވެ. އަދި އެއީ ހުޅުމާލެ ރެސްޓޯރެންޓެއްގައި ވެސް ހުންނަ، އިންޓަނޭޝަނަލް މެނޫއެއް ކަމަށް އެމީހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަހަލަ ހަޑިހުތުރު ބަހުރުވައިގެ އެއްޗެއް ސްކޫލެއްގެ އެތެރޭގަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބަސްމަގު އެކަހަލަ ގޮތަކަށް ހުންނަން ޖެހޭނެ ކަމަކަށް
ރެހެންދި ސްކޫލުގެ އޮފިޝަލް ވިދާޅުވިއެވެ.
ރެހެންދި ސްކޫލްގެ ޕީޓީއޭއިން ބާއްވާ “ރެހެންދި ސޭލް” އަކީ މިދިޔަ މަހު 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ ސޭލް އެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މި ސޭލް މިމަހު 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި އެ މެނޫ އާންމުވުމާ ގުޅިގެން ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށެވެ.


މީގެ އިތުރުން އެ ބޯޑަކީ އެންމެ ރަނގަޅު އިބާރާތްތައް އެކުލެވޭ އިޝްތިހާރު ބޯޑެއްނޫން ކަމަށް ދެކޭ ކަމަށާއި އެކަން ކުރި ބަޔަކު ކޮށްފައިވަނީ އިންޓަނޭޝަނަލް މެނޫއަކަށް ވާތީ ވިސްނާލުމެއް ނެތި ކަމަށް އެސްކޫލުން ބުނެއެވެ. އަދި އެކަން އެނގުނު ހިސާބުން އެ ބޯޑު ނަގަން އެ ފަރާތަށް އަންގާފައިވާނެ ކަމަށް ވެސް އެސްކޫލުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެ ސޭލްގެ ގަވައިދުގައިވާ ގޮތުން، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ތަކެތި ވިއްކުމާއި، ބޭއަދަބީ އިބާރާތްތައް އިޝްތިހާރުތަކުގައި ބޭނުންނުކުރުމަށް އެ ސޭލްގެ ބައިވެރިންނަށް އަންގާފައިވާނެ ކަމަށް، އެ ސްކޫލުން ބުންޏެވެ.

އެހެންކަމުން، އެފަދަ ބޯޑެއް ބެހެއްޓުން ކުށްވެރިކުރާ ކަމަށް ވެސް އެ ސްކޫލްގެ ބަޔާނުގައި ވެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close