ޖެނެރަލް ޝިޔާމްގެ މައްޗަށް 2 ދައުވާއެއް ކޮށްފި
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ޕީޖީ އޮފީހުން ދެ ދައުވާއެއް ކުރިމިނަލް ކޯޓުގައި ކޮށްފިއެވެ.
އެ ދެ ދަޢުވާއަކީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި 2017ވަނަ އަހަރުން ފެށިގެން ޖެނަރަލް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވަމުން ދިޔަ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މިމައްސަލައަކީ އޭސީސީން ކުރިން ބަލައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. މިމައްސަލަ އަލުން ބެލީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އެދިވަޑައިގަތުމަށެވެ.
މިމައްސަލަ އަލުން ބެއްލެވުމަށްފަހު އޭސީސީން ވިދާޅުވީ، 18 ޖުލައި 2017އިން ފެށިގެން 11 ޑިސެމްބަރ 2018ގެ ނިޔަލަށް، ޖެނަރަލް ޝިޔާމްގެ ބައްޕަ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި ދިރިއުޅެފައިވާކަމަށާއި، އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކުވެސް އެގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.
ސިފައިންގެ ގާނޫނުގައި ބަޔާން ކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތާއި އަދާ ކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެން ޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް އޭސީސީއިން ވިދާޅުވިއެވެ.