ރައީސްގެ ވަޢުދާއި އެއްގޮތަށް އަންނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ، ޑިސެމްބަރަށް ހެދުމަށް މިއަދު ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.
“މި ނިންމުމުގައި 2025 ވަނަ އަހަރުގައި ބޮޑު ޗުއްޓީ ލިބޭނެ. އެއީ، އެންމެ ކުރިން އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމަ އެއާ އެކު، 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން. [އެއީ] ހަމަ އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް،” ނާޒިމް ވިދާޅުވި އެވެ.
“އޭގެ މާނަ އަކީ، ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ.” ތަފުސީލް ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.
މިގޮތައް ޗުއްޓީ ބަދަލުކޮށްފައި މި ވަނީ ނިމިދިޔަ ސަރުކާރުން ސްކޫލުތަކުގެ ބޮޑު ޗުއްޓީ މެއި/ޖޫން އަށް ބަދަލުކުރުމުން އެދުވަސްވަރު ވިއްސާރަ އާއި ދިމަވާތީ އާއްމުންގެ ޝަކުވާ ބޮޑުވުމުގެ ސަބަބުންނެވެ.

