މާލެ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާއި ބައްދަލުކުރަނީ
މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިއަހަރު ބާއްވާ ދެވަނަ ބައްދަލުވުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ބައްދަލުވުން ބާއްވާކަން ހާމަކުރައްވައި މޭޔަރު ޑރ.މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ އަހަރުގެ ކައުންސިލްގެ ދެވަނަ ބައްދަލުވުންކަމަށެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ކޮޅު ލޮނުޒިޔާރަތް ޕާކުގައެވެ. ލާމަރުކަޒީ ޤާނޫނުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ ދެ ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވެއެވެ. މިހާތަނަށް މާލެ ސިޓި ކައުންސިލުން ދަނީ މިބައްދަލުވުން ބައްވައި ރައްޔިތުންގެ ޚިޔާލު ހޯދަމުންނެވެ.
މިއަހަރުގެ ދެވަނަ ބައްދަލުވުމުގައި މުހިންމު ކަންތައްތަކެއް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ފާއިތވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލް، ބަޖެޓް ހުށަހެޅުމަށްވެސް މިބައްދަލުވުމުގައި ތާވަލު ކޮށްފައިވެއެވެ.
ރައްޔިތުންގެ ބައްދަލުވުމުގެ މިއަހަރުގެ ދެވަނަ ބައްދަލުވުން މިމަހުގެ 19ގައި ލޮޒު ޒިޔާރަތް ޕާކުގައި އޮންނާނެ. ވޭތުވި 6 މަހުގެ ރިޕޯޓް، ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލް، ބަޖެޓް ހުށަހެޅުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، އަދިވެސް އިތުރު ކަންކަން. މިބައްދަލުވުމަށް ދައުވަތު އަރުވަން.
– މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މާލެ ސިޓީގެ ރައްޔިތުންގެ އަޑުއެއްސެއްވުމަށް އެ މީހުންގެ ގާތަށް ވަޑައިގަންނަވާ މަންޒަރު ދަނީ ފެންނަމުންނެވެ.

