ކުރުވާހަކަ: އަކިލް
ހިތަކީ ހަރު އެއްޗެކޭ ބުނާ އަޑު އެހިން ހެއްޔެވެ؟ އާއެކެވެ. އިންސާނުންގެ ހިތަކީ ހަރު އެއްޗެކެވެ. ނަމަވެސް އެކަން ބަދަލުވެސް ކޮށްލެވިދާނެއެވެ. އެއީ އެމީހަކު ބޭނުންނަމައެވެ. އުމުރުން 19 އަހަރުގެ އަކިލްއަކީވެސް އެކަހަލަ ކުއްޖެކެވެ. އަޅުކަންތަކަކީ އަކިލްއަށް ބީރަށްޓެހި އެއްޗެކެވެ. މީހުންނަށް ހަޑިކޮށް ރައްދު ދިނުމަކީ މަޖާ ކަމެކެވެ. ޖެއްސުން ކުރުމަކީ ހިތްހަމަ ޖެހުމެކެވެ. މަންމަ ދެރަ ކޮށްލުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެކެވެ. މިއީ އަކިލްގެ ދިރިއުޅުމެވެ. ނުވަމަހާއި ނުވަ ދުވަހު ވޭނާއި ކެކުޅުމުގައިވެސް ގެންގުޅެ 19 އަހަރު ވަންދެން ބަލާ ބޮޑުކުރިއެވެ. މުއްސަނދި ނޫނަސް ލިބޭ މިންވަރުން އެއްޗެހި ހޯދައިދީ އަބަދުމެ ނަސޭހަތް ދެއެވެ.ނަމަވެސް އެ ނަސޭހަތްތަކަށް އަކިލްދެނީ ބީރު ކަންފަތެކެވެ.
އާދުވަހަކަށް އިރުގެ ދޯދިތައް ރަށުތެރެއަށް ފަތުރާލިއެވެ. ފަތިސް ނަމާދުކުރުމަށްފަހު ނަމާދަށް އަކިލްއަށް ގޮވާފައި ހަފީޒާ އަތައް އިލޮށިފަތި ހެޔޮވަރު ކޮއްލުމަށްފަހު އިލޮށިފަތި ހިފައިގެން ދޮރުމަތި ކުނިކަހަން ނިކުތެވެ. އެއް އަތުން ލައިގެން ހުރި ފޭރާމުގައި ހިފަހައްޓައި އުނަގަނޑާވީ ދިމާލަށް އަތް ލައިގެންހުރެ ކުނިކަހަމުން ދިޔައީ ފަރިތަކަމާއި އެކުގައެވެ. ގޭތެރެއިން ނިކުމެގެން އަކިލް މިސްރާބުޖެހީ ބޭރަށް ދިޔުމަށެެވެ. ” ދަރިފުޅު ކޮންތާކަށް ތި ދަނީ ؟ ހިނގާ ސައިބޯން”ހަފީޒާ ބުނެލީ ވަރަށް ލޯބިންނެވެ. ނަމަވެސް އަކިލްގެ ޖަވާބު ތަފާތެވެ. އެހި އިރުވެސް ވާނެގޮތް އިނގޭތީވެ ހަމީޒާ ހުރީ އަކިލްގެ ޖަވާބެއްގެ އިންތިޒާރުގައެވެ. “ހުންން.. ކޮންމެހެން އަހަންނަށް ސައިދޭން އުޅޭނެ ކަމެއްނެތް އަދި ބުނަން އަހަރެން ދާތަނެއްވެސް ބަލާނެކަމެއްނެތް ” އަތުގެ ޝަހާދަތް އިނގިލިން އިޝާރާތް ކުރަމުން ބުންޏެވެ. އެ މަންމަގެ މައި ލަގޮނޑިއަށް އެންމެ ސިކުންތު ކޮޅަކަށްވެސް ކެތެއް ނުކުރެވުނެވެ. ލޮލުން ކަރުނަ ފާއްދާލީ ބޭއިޚްތިޔާރުގައެވެ.ހަމަ އެއާއިއެކު ،އަތުގައިހުރި ބާރެއްލައި ދޮރު ޖެހުމަށްފަހު ގެއިން ނިކުތެވެ.
ގަޑިން ރޭގަނޑު 10 ޖަހަން އިނީ 5 ވަރަކަށް މިނިޓެވެ. ހަފީޒާ ގަޑީގެ ސިކުންތު ކައްޓަށް ބަލައިގެން އިންތިޒާރު ކުރަނީ އަކިލް ގެއަށް އަންނާނެ އިރަކަށެވެ. އެހެން ހުއްޓައި ކުއްލިއަކަށް މެއަށް ތަދެއް އެރިއެވެ. އަދި މަޑުމަޑުން ނޭފަތުން ލޭ ފަައިބަން ފެށިއެވެ. ގޭގައި އެކަކުވެސް ނެތެވެ. ހަފީޒާގެ ފިރިމީހާވަނީ އަކިލްގެ އުމުރުން 13 އަހަރުގައި ކެންސަރު ބަލީގައި ނިޔާވެފައެވެ. އެހެންކަމުން އެ ކުޑަކުޑަ ޖިފުޓީގައި އުޅެމުން އައީ އަކިލް އާއި ދެމީހުން އެކަންޏެވެ. ގުޅޭނެ ގޮތެއްވެސް ނެތެވެ. އޭރަކީ ފޯނުގެ ޒަމާނެއް ނޫނެވެ. މެއަށް އެރި ތަދާއި ނޭފަތުން ލޭ ފޭބުމުން ހަފީޒާއަށް އޭނާގެ ދުވަސް ހަމަވެއްޖެކަން އިހުސާސް ވިއެވެ. ކުރާނެކަމެއް އަދި ކުރެވޭނެ ކަމެއްވެސް އިތުރަކަށް ނެތެވެ.
އަކިލް އައިސް ގޭ ދޮރު ހުޅުވާލި ތަނުން ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ދިޔަ ހެނެވެ. އޭރު ގަޑިން 1 ގަޑި ބައި ވަނީއެވެ. ބޭއިޚްތިޔާރުގައި “މަންމާ” ކިޔައި ދުއްވައިގަނެވުނީ އެއްވެސް ހަރަކާތެއްނެތި ގޭ ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް މަންމަގެ ކައިރިއަށެވެ. ދުވެފައިގޮސް އެއެްފައި މައްޗަށް ކޮޅަށްހުރެ މަންްމަ އަތްދަނޑި މައްޗަށް ލިއެވެ. ނޭފަތުން ލޭ އައިސްފައި ހުއްޓެވެ. ނޭވައެއް ނުލައެވެ. އެހާ ދަންވުމުން ހަދާނީ ކިހިނެއް ކަމެއް ޚުދު އަކިލް އަކަށްވެސް ނުވިސްނުނެވެ. އަވަހަށް ގައި ހުރި ބާރެއްލައި ދުވެފައި ކަތީބުގެއަށް ގޮސް މަންމަގެ ވާހަކަ ބުންޏެވެ. އަދި ރަށު އެންމެންނަށް ގޮވައި ސިއްޙީ މަރުކަޒަށް ގެންދިޔައެވެ.ރަށުގެ ރައްޔިތުން އެއްވެފައި ތިބީ ސިއްޙީ މަރުކަޒުގައެވެ.
މިހެން ހުއްޓައި މީހަކު އައިސް އަކިލް ކައިރީ ހުއްޓުނެވެ.އަދި ބުންޏެވެ. ” އަކިލް.. ދެރަނުވޭ.. އަކިލް ތީ ހަފީޒާގެ ހުރި މީހަކީ. ނަމަވެސް އަކިލް އަކަށް މަންމަ މުހިންމެއް ނުވި . ތި އުޅުން ދޫކޮށްލާކަށްވެސް ނޫޅުން. އެ ފަކީރު އުޅުން ހާލެއް އަކިލްއަށް އަންދާޒާއެއް ނުކުރެވޭނެ. އަކިލްއަށް އަހަރެން މީ ކާކު ކަމެއް ނޭނގޭނެ. ނަމަވެސް އަހަރެން ތިމީހުން ދަންނަން. ހަފީޒާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ހަފީޒާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދޭނެ. އަކިލްގެ މަންމަ އެ މަރުވީ ކިޑްނީ ފެއިލް ވެގެން.”
އޭނާގެ ފަހު ޖުމްލަ އިވުމުން އަކިލްއަށް ހީވީ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް ޖެހި ހެންނެވެ. ” އަހަންނަކީ ކިހާ ގޯސް ރަހުމްކުޑަ ދަރިއެއް. މަންމަ އަހަރެންދެކެ އެހާ ލޯބިވި އިރުވެސް އަހަންނަށް މަންމައަށް ދެވުނީ ކޯއްޗެއް؟ އަހަރެން ދިނީ އިތުރަށް ތަދާއި ވޭން . ” ހިތާހިތުން އަކިލްއަށް ބިންމަތީ ކަކޫ ޖަހައިގެން ހުރެ ބުނެވުނެވެ. އިރުކޮޅަކުން މީހަކު އައިސް ކޮނޑުމަތީ އަތް ބާއްވަމުން ކުޑަ ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އަކިލް ވަގުތުން އެ ކިއެވެ. ” ދަރިފުޅާ! މަންމަ މިދަނީ މަރާއި ހަނގުރާމަ ކުރަމުން.މަންމައެއް ދެން މާގިނަ ދުވަހަކު ނުހުންނާނެ. މަންމަ ނެތަސް ދަރިފުޅު ބަލާނެ މީހަކު ހުންނާނެ. މަންމައަށް އިނގޭ ދަރިފުޅަށް މަންމައާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު މިއަދު ދެރަވާނެކަން . މަންމަ ދަރިފުޅަށް މާފު ކޮށްފިން. މަންމަގެ ވަސިއްޔަތަކީ ދަރިފުޅު ރަނގަޅު މީހަކަށް ބަދަލުވުން. މަންމަ އަބަދުވެސް ދަރިފުޅާއި އެކު ވާނަން. ވަރަށް ލޯބިވޭ . ” މިހެންނެވެ.
- ނިމުނީ –

